ދައުލަތުގެ ބިޔަ ދަރަނި ދެއްކޭނެ ގޮތެއް އިނގެނީ ޑިމޮކްރެޓުންނަށް އެކަނި: ރައީސް ނަސީދު
ދެންމެ | 04 ސެޕްޓެމްބަރ 2023

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ އަށް ކެންޑިޑޭޓުންގެ ތެރެއިން ރާއްޖޭގެ މާލިއްޔަތާއި އިޤްތިޞާދާމެދު އަމަލުކުރާނެ ގޮތް ސާފުކޮށް ވިދާޅުވެދެއްވާފައިވާ ހަމައެކަނި ކެންޑިޑޭޓަކީ ޑިމޮކްރެޓުންގެ އިލްޔާސް ލަބީބު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ އުތުރާއި ދެކުނުގެ ތަސައްވަރު ހާމަކުރުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ ދަރަންޏާއި ރާއްޖޭގެ މާލީ ހާލަތަށް އަލިއަޅުވާލާ ދެއްކެވި ވާހަކަފުޅުގަ އެވެ. އެގޮތުން ދަރަނީގެ މައްސަލާގައި ރިޔާސީ ބަހުސްގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ދޮގު ހައްދަވާފައިވާ ކަމަށާއި، މާލީ ހާލަތާމެދު އެހެން ކެންޑިޑޭޓުން އަމަލުކުރާނެ ގޮތް ބުނެދެވިފައިވާ ނުވުމާމެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

”ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި ތިބޭފުޅުން ވޯޓު ލައްވާއިރުގައި ދިވެހި ރާއްޖޭގެ މާލިއްޔަތާއި ދިވެހި ރާއްޖޭގެ އިޤްތިޞާދާ ގުޅޭގޮތުން ރިޔާސީ ކެންޑިޑޭޓުން އަމަލުކުރާނެ ގޮތް ބުނެދެވުނު ހަމައެކަނި ކެންޑިޑޭޓު ނަމްބަރު 7 އިލްޔާސް ލަބީބު“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ދައުލަތުގެ ދަރަނީގެ ހާލަތު މިހިސާބަށް އައީ 2018، ދަރަނި ރީސްޓްރަކްޗާ ކުރެއްވުމަށް ރައީސް ޞާލިހު ވެވަޑައިގެންނެވި ވައުދު ނުފުއްދެވުމުން ކަމަށާއި އެއީ އެ އަހަރު އެމްޑީޕީ އަދި ކޯލިޝަންގެ މެނިފެސްޓޯގައިވެސް އެންމެ މުހިންމުކޮށް ފާހަގަކޮށްފައިވާ އެއް ކަން ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

”ސަރުކާރު ހިންގުމާ ރައީސުލްޖުމްހޫރިއްޔާ ހަވާލުވެވަޑައިގަތުމަށް ފަހުގައި ދަރަނީގެ ކަންތައް ހައްލުކުރާކަށް ކުޑަކޮށްވެސް ނޫޅުއްވަ، އަދި އޭގެ ކުރީގައި މާލިއްޔަތު ގާނޫނަށް ކުރީ ސަރުކާރުން ގެނެސްފައިވާ ބަދަލު އަލުން އަނބުރާ ބަދަލުކުރައްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ނުފުއްދަވާ ދަރަނި ވެރިވާ މިންވަރު ރައްޔިތުންގެ މަޖިލީހަށްވެސް ނު އަންގަވާ ދަރަނި ނަންގަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެންދެވީ“

ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ކެންޑިޑޭޓު އިލްޔާސް ހިމެނޭހެން ރައްޔިތުން މަޖިލީހުގެ ތެރެއިން ދަރަނި ރީސްޓްރަކްޗާ ކުރުމަށް ރައީސް ޞާލިހުގެ އަރިހުން އެކި ފަހަރު މަތިން އެދުނު ކަމަށާއި އެ އެދުންތައް ނޭހުމުގެ ނަތީޖާއަކީ 2026 ވަނަ އަހަރު އަނބުރާ ދައްކާން ޖެހޭ އަދަދު އެއް ބިލިއަން ޑޮލަރަށްވުރެ އިތުރުވުން ކަމަށެވެ. އަދި އެ އަދަދަކީ ރާއްޖޭގެ އާމްދަނީއާ ނުބައްދަލު އަދަދެއް ކަންވެސް ފާހަގަކުރެއްވި އެވެ.

”އިލްޔާސް ލަބީބު ތަސައްވަރެއް އެބައޮތް، އެބޭފުޅާގެ ވިސްނުމެއް އެބައޮތް، އުތުރާއި ދެކުނާއި މެދުރާއްޖެ ތެރެއާއި މާލެ އާއި މުޅި ދިވެހި ރާއްޖޭއާ ގުޅޭގޮތުން އިލްޔާސް ލަބީބުގެ ވަރަށް ފުރިހަމަ ތަސައްވަރެއް އެބައޮތް، މި ތަސައްވަރު އެންމެ ބޮޑަށް ބިނާވެފައި އޮތީ ދަރަނީ އަދާކުރުމާ، އަދި ދަރަނި ހަލާސްކުރާނެ ގޮތްތަކަކާ ގުޅޭގޮތުން“

ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދަރަނީގެ މައްސަލައަށް ހައްލު ގެނެވޭނެ ހަމައެކި ކެންޑިޑޭޓަކީ އިލްޔާސް ކަމަށާއި އެކަންކަން އެގޮތަށް ނުކޮށް ކުރިއަށްދާނަމަ ކަންކަން ހިނގާނެ ގޮތް ކެންޑިޑޭޓަށް ވަރަށް ސާފުކޮށް އެނގިލައްވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!