ހައިކޯޓްގެ ދެ ގޮފި އުވާލާ ބިލް ތަސްދީޤު ކޮށްފި
ދެންމެ | 17 ޖުލައި 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް 4 ވަނަ އިސްލާޙް ގެނައުމުގެ ބިލް ތަސްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ، މި އަހަރުގެ ޖޫން 27 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މިޤާނޫނަށް ގެނައި މައިގަނޑު އިސްލާޙަކީ، ހައިކޯޓުގެ ފަނޑިޔާރުން ޤާއިމްވެ ތިބޭނީ މާލޭގައި ކަމަށް ކަނޑައެޅުމާއި، ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވާލައްވައި އެތަންތަނުން ކުރަމުން އައި މަސައްކަތްތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ބަދަލުކުރެއްވުމެވެ.

އަދި ހައިކޯޓުގެ ގޮފިތަކުގެ މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންނަށް އެހެން ކޯޓުތަކުން ނުވަތަ ޝަރުޢީ ދާއިރާގެ އެހެން އިދާރާއަކުން ވަޒީފާ ހަމަޖައްސައިދެއްވުމުގެ ޒިންމާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ޙަވާލުކުރެއްވުން ހިމެނެއެވެ.

އޭގެ އިތުރުން ގާނޫނަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވަނީ ކޯޓުގެ ހުރުމަތް ކަނޑާ މީހުންގެ އަދަބަކީ ތިން މަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުން ކަމަށެވެ. މީގެ ކުރިން ކޯޓުގެ ޙުރުމަތްކަނޑާ މީހުންނަށް ކަނޑައަޅާފައިވާ އަދަބަކީ 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމެވެ. ނުވަތަ 10،000 ރުފިޔާއަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މިޤާނޫނު ތަސްދީޤުކުރެއްވުމާއި އެކު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރެވި ޢަމަލުކުރަން ފެށިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!