އިގްތިސާދު ކޮޅައް ޖެހުމަށް ވިޔަފާރިވެރިންނާއި އެކު ރައީސް ކުރެއްވީ ލާމަސީލް މަސައްކަތެއް: އަފީފް
ދެންމެ | 17 ޖުލައި 2022

ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެއްކެވި ލީޑަރޝިޕަށް ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި  ޗަމްޕާ ހުސައިން އަފީފު ތައުރީފްކުރައްވައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މަޓީން މިއަދު ކުރުނބާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރައްވާ ޗަމްޕާ ހުސައިން އަފީފު ވަނީ ކޯވިޑްގެ ދަތި އުނދަގޫ ދުވަސްތަކުގެ ތެރޭގައި ރައީސް ސާލިހުގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އެހީތެރިކަމަށް ޝުކުރު އަދާކުރަށްވާފައެވެ.

އަފީފް ވިދާޅުވީ ކޯވިޑާއި ދެކޮޅަށް މުޅި ރާއްޖެ ގުޅިގެން، އެކަމުން އަރައިގަތުމަށް މަސައްކަތް ކުރެވުނީ ރައީސް ސާލިހު ދެއްކެވި ލީޑަރޝިޕްގެ ސަބަބުންކަމަށެވެ. އަދި އިގްތިސާދީ ހިނާރުކަމުން އަރައިގަތުމަށް ސަރުކާރާއި ޕްރައިވެޓް ސެކްޓަރ ގުޅިގެން ކުރި މަސައްކަތަކީ ނަމޫނާއެއްކަމަށް އަފީފް ވިދާޅުވިއެވެ.

ކޯވިޑުން އަރައިގަނެ، އިގްތިސާދު ކޮޅަށް ޖެހުމަށް ރާއްޖެއިން ކުރި މަސައްކަތަށް އަފީފްގެ އިތުރުންވެސް ގިނަ ފަރާތްތަކަކުން އަންނަނީ ތައުރީފްކުރަމުންނެވެ. މާލީ އިދާރާތަކުން ރާއްޖޭގެ އިގްތިސާދު މިއަހަރު ކުރިއަރާނެކަމަށް ލަފާކޮށްފައިވާއިރު، ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް ލިބޭ އާމްދަނީވެސް ދަނީ އިތުރުވަމުންނެވެ. އަދި ކޯވިޑްގެ ކުރިން އިގްތިސާދު އޮތް ހިސާބަށް އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ދާނެކަމަށްވެސް ތަޖުރިބާކާރުން ލަފާކުރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!