މިސަރުކާރުގެ ހުރިހާ ވައުދެއް ފުދިއްޖެ، ދެން ފުއްދާނެ ވައުދެއް ނެތް: ރައީސް
ދެންމެ | 27 މެއި 2023

މި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފ. ދަރަނބޫދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މި ސަރުކާރުން ވެފައިވާ މައިގަނޑު ވަޢުދުތައް ފުއްދިފައިވާ ކަމަށާއި، އަދި އިތުރަށް ބޭނުންވެފައިވާ ކަންކަން ބަޖެޓުން ޖާގަ ހޯދައިގެން ކުރިޔަށް ގެންދެވޭނެ ގޮތުގެ މަޢުލޫމާތު ރައްޔިތުންނާއި ހިއްސާކުރައްވާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ދަރަނބޫދޫގެ ރައްޔިތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ވަޒީފާއާއި ގުޅޭ މައްސަލަތަކާއި، ކުޅިވަރުކުޅޭނެ ދަނޑެއް ނެތުމާއި، އިޖުތިމާޢީ ގުޅުންތައް ބަދަހިވާނޭ ކުޅިވަރު މުބާރާތްތައް ކުރިޔަށް ގެންދެވޭނެ ގޮތެއް ނެތުން ހިމެނެ އެވެ.

ރައީސް ވަނީ ދަރަނބޫދޫގެ ކަންކަން ދަރަނބޫދޫގެ ޒުވާނުން ބޭނުންވާ ގޮތަށް ކުރިޔަށް އޮތް ތަނުގައިވެސް ކުރިޔަށް ގެންގޮސްދެއްވާނެ ކަމުގައި ވިދާޅުވެފަ އެވެ.

ރައީސް ސޯލިހު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ދަނީ، ރަށްރަށުގެ އާންމު ރައްޔިތުންނާއި ބައްދަލު ކުރައްވައި، ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސަވަމުންނެވެ.

ރައީސްގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި މި ރަސްމީ ދަތުރުފުޅުގައި ދަރަނބޫދޫއަށް ފަހު ދެން ވަޑައިގަންނަވާނީ މަގޫދޫއަށެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!