ސުޝްމިތާ މުސްކުޅި މުއްސަޖަކާއި ހިތާވުމުން ކީ ފާޑުކިޔުން ތަކަށް ރައްދުދީފި
ދެންމެ | 18 ޖުލައި 2022

ކުރީގެ މިސް ޔުނިވާސް ސުޝްމިތާ ސެން އާއި ވިޔަފާރިވެރިޔާ ލަލިތު މޯދީ ރައްޓެހިވެގެން އުޅޭކަން އިއުލާންކުރުމާއެކު، އެ ޖޯޑަށް ކުރިމަތިވި ފާޑުކިޔުންތަކަށް ސުޝްމިތާ އާއި ލަލިތު ރައްދު ދީފި އެވެ.

ބޮލީވުޑްގެ ތަރި ސުޝްމިތާ އާއި ލަލިތު ޑޭޓްކުރާކަން މީގެ ދެ ދުވަހެއް ވަރު ކުރިން އިއުލާންކުރުމާއެކު، މުޅި ސޯޝަލް މީޑިއާ ހިލުވައިލީ އެ ވާހަކައިންނެވެ. މީމްސްތައް ހަދައިގެން އެކި މީހުން އެ މީހުންނަށް ފާޑުކިޔެވެ. ސުޝްމިތާ ކަހަލަ ރީތި މީހަކު ދުވަސްވީ ފިރިހެނަކާ ރައްޓެހިވީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ބުނެ، އޭނާއަކީ ”ގޯލްޑް ޑިގާ“ އެއްގެ ގޮތުގައި ސިފަކޮށް މީހުން ވާހަކަ ދައްކަން ފެށި އެވެ.

އެކަމަކު ފާޑުކިޔުންތަކަށް އާންމުކޮށް ހަނު ހުއްޓަސް މި ފަހަރު ސުޝްމިތާއަކަށް ކެތެއް ނުވި އެވެ.

ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓުގައި ސުޝްމިތާ ބުނީ ދުނިޔޭގައި އުޅޭ މީހުންގެ ”އަންހެޕީ“ ކަމާއި ”މިސަރަބަލް“ ވަމުންދާ ގޮތް ފެނިފައި ހިތްދަތިވާ ކަމަށެވެ. ބައެއް މީހުންގެ ދަށު ދަރަޖައިގެ ވިސްނުމާއި އެ މީހުންގެ ގޮސިޕްތަކުން އަސަރު ނުކުރާނެ ކަމަށް ސުޝްމިތާ ބުންޏެވެ.

އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރި ބުނީ ނުވެސް ދަންނަ ބަޔަކު އޭނާއާ ގުޅުވައިގެން ވިސްނާ ގޮތާއި ހަޔާތާ ގުޅޭ މާގިނަ މައުލޫމާތު އެނގޭ ކަމަށް ހެދިގެން އެކި އެއްޗެހި ކިޔައި ސުޝްމިތާއަކީ ”ގޯލްޑް ޑިގާ“ އެއްގެ ގޮތުގައި ލޭބަލް ކުރަމުންދާ ކަމަށެވެ.

ފާޑުކިޔާ މީހުންނަށް ސުޝްމިތާ ބުނީ އޭނާ އަށް ރަނަށް ވުރެ ބޮޑަށް ކަމުދަނީ ޖަވާހިރު ކަމަށެވެ. އަދި ޖަވާހިރު ގަންނަނީ އޭނާގެ އަމިއްލަ މަސައްކަތުން އަމިއްލަ ފައިސާ އިން ކަމަށް ބުންޏެވެ.

ސަޕޯޓަރުންގެ ފަރާތުން ލިބުނު ހެޔޮ ބަސްތަކަށް ވެސް ސުޝްމިތާ ޝުކުރު އަދާކުރި އެވެ. އަދި އޭނާ އަށް މީހުން ކިޔާ އެއްޗެހީގެ ސަބަބުން އަސަރު ނުކުރާނެ ކަމަށާއި ހުރީ ގަދަކޮށް ކަމަށް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް