ރަޝިޔާ އީރާން އަދި ތުރުކީގެ ލީޑަރުން ބައްދަލު ކުރައްވަން ނިންމައިފި
ދެންމެ | 18 ޖުލައި 2022

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަދި އީރާންގެ ރައީސް އިބްރާހީމް ރައީސީ ބައިވެރިވެވަޑައިގަންނަވާ ތިން ގައުމުގެ މަހާސިންތާއެއް، އީރާންގެ ވެރިރަށް ތެހެރާންގައި މާދަމާ ފަށާނެ އެވެ.

ތިން ރައީސުންގެ މި ފަހަރުގެ ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ސީރިޔާގެ ދާޚިލީ ހަނގުރާމަ ކަމަށް، ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މީގެ އިތުރުން، އަސްކަރީ ޚާއްސަ ހަރަކާތްތަކެއްގެ ނަމުގައި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ އާއި އީރާންގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލަ ވެސް، ތިން ބޭފުޅުން މަޝްވަރާ ކުރައްވާނެ ކަންކަމުގެ ތެރޭގައި ހިމެނޭނެ އެވެ.

ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި އެކި ގޮތްގޮތުން ބައިވެރިވާ މި ތިން ގައުމުގެ ވެރިން އީރާންގައި މި ބައްދަލުކުރައްވަނީ ސީރިޔާގެ އުތުރު ސަރަހައްދުގައި ކުރުދީ ދަރިކޮޅުގެ ހަނގުރާމަވެރިންގެ ނުފޫޒު އޮންނަ ސަރަހައްދުތަކަށް، ތުރުކީ ވިލާތުން ހަމަލާތަކެއް ދޭން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާ ދުވަސްވަރެއްގަ އެވެ. އަދި މިއީ ސީރިޔާގެ ދާޚިލީ ހަނގުރާމަ ހުއްޓައިލުމާ ބެހޭ ގޮތުން 2019 ވަނަ އަހަރު ތުރުކީގެ އާސްތާނާގައި ބޭއްވި ބައްދަލުވުމަށް ފަހު، މި ތިން ބޭފުޅުން އެކުގައި ބައްދަލުކުރައްވާ ފުރަތަމަ ފަހަރު ވެސްމެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!