ނޫސްވެރިޔާ އަޒާން ފުލުހަށް ހާޒިރުވާން އަންގައިފި
ދެންމެ | 19 ޖުލައި 2022

ދިޔަރެސްގެ ނޫސްވެރިޔާ އަޙްމަދު އަޒާން ފުލުހަށް ޙާޟިރުވުމަށް އަންގައި ޗިޓް ފޮނުވައިފި ކަމަށް އަޒާން ހާމަކުރައްވައިފިއެވެ.

އަޒާން ހާމަކުރައްވާފައިވާ ގޮތުގައި އޭނާ ފުލުހަށް ޙާޟިރުވާން އެންގީ އައިޖީއެމްއެޗްގެ ވެބްސައިޓުގައި ހުރި މައްސަލައަކުން އާންމުންގެ މެޑިކަލް ރެކޯޑު ފެންނަކަން ”ދިޔަރެސް“ އިން ރިޕޯޓު ކުރުމުން އެ މައްސަލައިގެ ތަޙްޤީޤަށް ކަމަށެވެ. އަދި މިއީ އޭނާގެ އަނގަ ބަންދުކުރެވޭނެ އެއްވެސް އިތުރު ގޮތެއް ނެތިގެން ސަރުކާރުން ކުރާ ކަމެއް ކަމަށާއި ފުލުހަށް ޙާޟިރު ކުރިއަސް، އަދި ޖަލަށް ލިޔަސް އޭނާ ކުރަމުންދާ މަސައްކަތް ނުހުއްޓުވޭނެ ކަމަށް ވެސް އަޒާން ބުނެފައިވެއެވެ.

އަޒާން ފުލުހަށް ޙާޟިރުވުމަށް އަންގާފައިވަނީ މިމަހުގެ 21 ވާ ބުރާސްފަތިދުވަހުގެ 3:00 އަށް ޙުސައިން އާދަމް ބިލްޑިންގއަށެވެ.

ޕޮލިހުން ފޮނުވާފައިވާ ޗިޓްގައިވާ ގޮތުގައި އަޒާން ޙާޟިރުކުރަނީ 2022 ފެބުރުއަރީ 6 ވަނަ ދުވަހު އައިޖީއެމްއެޗްގެ ޕޭޝަންޓް ޕޯޓަލްއަށް އަންއޮތޮރައިޒްޑް އެކްސަސްވެ، ދައުލަތުގެ އެންމެ އިސް ފަރާތުގެ މެޑިކަލް މަޢުލޫމާތު ތައް ހޯދައި ލިކުކޮށްފައިވާ މައްސަލާގައި ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!