ސައްހަ ނޫން އެޑިޓްކޮށްފައިވާ ސްލިޕުން ވިޔަފާރި ކުރި މީހަކު ހައްޔަރުކޮށްފި
ދެންމެ | 08 ނޮވެމްބަރ 2022

ބެންކު އޮފް މޯލްޑިވްސް މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާކަމުގެ ސައްހަ ނޫން ސްލިޕްތަކެއް ބޭނުންކޮށްގެން ޅ. ހިންނަވަރު ފިހާރައަކުން މަކަރާއި ހީލަތުން ވިޔަފާރިކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ސައްހަ ނޫން ސްލިޕް ފޮނުވައިގެން އެ ފިހާރައިން އެކި ދުވަސްމަތިން މުދާ ގަނެފައިވާ ކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާގެ ނަމެއް ފުލުހުން ނުބުނެއެވެ.

ފުލުހުން ބުނީ ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން އެކި ދުވަސްމަތިން އެ ފިހާރައިން އޭނާ 170000 އަށްވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކޮށްފައިވާ ކަމަށެވެ. އަދި އޭނާއަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ގިނަ މައްސަލަތަކެއްގައި ޝާމިލުވެ ފުޅާދާއިރާއެއްގައި މިކަން ކުރަމުންދާ މީހެއްކަން ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!