ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފޯރި ގަދަ ޖަގަހަ ޖަލްސާއެއް މިރޭ އޮންނާނެއެވެ.
ކޮންގްރެސް ޕާޓީގެ މި ހަރުގެ ޖަލްސާ އޮންނާނީ ޕާޓީގެ އޮފީސް، ހ. ވެޔޮވިލާގަ އެވެ.
ޖަގަހަ ޖަލްސާ އޮންނާނީ މިރޭ 20:30 ގައެވެ.
ކޮންގްރެސް ޕާޓީން ވަނީ މި ޖަލްސާއަށް ޕާޓީގެ މެންބަރުންނަށާއި ޕާޓީއަށް ތާއީދުކުރާ އެންމެންނަށް ދައުވަތުދީފައެވެ.
މިރޭގެ ޖަލްސާގައި އިދިކޮޅު ހުރިހާ ސިޔާސީ ވެރިން މިގައުމު ހަލާކުކޮށް ސުންނާފަތި ކޮށް،ގައުމު ހަލަބޮލިކުރުމަށް ރާވާ ހިންގާ ކަންކަމާއި ހާވާ ހަޑި ރައްޔިތުންނަށް ހާމަކުރައްވާނެކަމަށް ޕާޓީގެ ލީޑާޝިޕުން ވަނީ ބުނެފައެވެ.
އެހެންކަމުން “ގައުމުދެކެ ލޯބިވާ” އެންމެން މި ޖަގަހަ ޖަލްސާއަށް ދިއުމަށް ޕާޓީން ދަތުވަތުދެއެވެ.
މި ޖަލްސާ “އެމްއެމްޓީވީ” ގެ ހުރިހާ ޕްލެޓްފޯމަކުން ރައްޔިތުންނާ ހަމައަށް ގެނެސްދޭނެއެވެ.
ކޮންގްރެސް ޕާޓީގެ ޖަގަހަ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅެވެ. މި ޖަގަހަ ޖަލްސާ ބާއްވާފައިވަނީ އއ. އުކުޅަހަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައެވެ.
ކޮންގްރެސް ޕާޓީއަކީ 70،000 މެމްބަރުންނާއެކު މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.



