ފުދުންތެރި އިގްތިސާދީ ސަރުކާރެއްް ހޯދައިދޭނަން: ސާހިދު
ދެންމެ | 06 ސެޕްޓެމްބަރ 2026

ދިވެހި ރައްޔިތުންނަށް ފުދުންތެރި އިގްތިސާދަކާއި ކަންކުރާނެ ސަރުކާރެއް ހޯދައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ސިޓީގައި ރޭ ބޭއްވި ހާއްސަ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްފަދައިން ކުޅުދުއްފުށީގައިވެސް ހިންގަމުންދިޔަ ގާތްގަނޑަކަށް ހުރިހާ މަޝްރޫއެއް މިއަދު އޮތީ ހުއްޓިފައި ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމާއި، މަގުހެދުމުގެ އިތުރުން ކަރަންޓުގެ މަޝްރޫއުތައް ކުރިއަށް ނުގޮސް ހުއްޓިފައިވާކަން ފާހަގަކުރައްވައި، ”ކަޓެއް ނަގާލެވޭނެ އެއްޗެއް ނެތީތޯ“ ސުވާލު ކުރައްވައި އޭނާ ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ﷲގެ ހެޔޮ ރަޙްމަތްޕުޅާއެކު ރައްޔިތުންނަށް ކަންކުރާނެ ސަރުކާރެއް ގެނެސްދެއްވާނެ ކަމަށެވެ. އަދި ކުޅުދުއްފުށީގެ އިތުރުން، ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ނުނިމި ހުރި ހުރިހާ މަޝްރޫއުތަކެއް ރައްޔިތުންނަށް ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

”ރާއްޖެއަށް މިއަދު ބޭނުންވަނީ ސެންސޭޝަނަލް ސުރުޚީތަކެއް ނޫން. މާނައެއް ނޭގޭވަރުގެ ސިޔާސީ ބަސްކޮށާރެއް ނޫން. ބޭނުންވަނީ ރައްޔިތުމީހާ ފުދުންތެރިވެ، މީހާގެ ޖީބު މުއްސަދިވާން ހައްލުލިބުން،“ ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން، ކުރުރާސްތާއާއި، މެދުދުރާއި އަދި ދުރުރާސްތާގެ ޕްލޭނަކާއެކު ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ބަދަލުގެ މަސައްކަތް ފައްޓަވާނެ ކަމަށާއި، އެކަން ކުރެއްވޭނީ ތަޖުރިބާއާއެކު ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެކަން ކުރައްވާނީ ރައްޔިތުންގެ ތާއީދާއި ލޯތްބާއެކު، ”ފުދުންތެރި ދިވެހިރާއްޖޭގެ ސްޓްރެޓެޖީ“ ގެ ދަށުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ބޮޑު ތިލަދުންމަތިން އެ މެސެޖު ވަރަށް ބޮޑަށް ދައްކަމުންދާކަން ފާހަގަކުރައްވަމުން، ޝާހިދު ވަނީ ﷲގެ ވާގިފުޅާއެކު މި އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!