މަސްދަރު ގާނޫނުގެ ދިފާއުގައި ސަރުކާރުން ނިކުމެއްޖެ
ދެންމެ | 21 ޖުލައި 2022

ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ބުނެ، ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް ހެއްކާބެހޭ ގާނޫނު އޮތް މާއްދާ ސަރުކާރުން ފުރަތަމަ ފަހަރަށް ދިފާއުކޮށް، ރައީސް އޮފީހުން މިރޭ ބަޔާނެއް ނެރެފި އެވެ.

ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރުވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވުމުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެ ބިލު ތަސްދީގެ ނުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ނޫސްވެރިން ވެސް ދިޔައީ ގޮވާލަމުންނެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ހެއްކާ ބެހޭ ބިލް މަޖިލީހުން ފާސްކުރީ ގިނަ ދުވަސްތަކެއް ވަންދެން ދިރާސާކޮށް، އަދި ގިނަ ބައެއްގެ ހިޔާލު ހޯދުމަށް ފަހު ކަމަށެވެ. އަދި އެ ގާނޫނު އޮތްގޮތުން މަސްދަރު ހާމަކުރަން މަޖުބޫރު ކުރުވޭނީ ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގައި އަދި ވަކި ހާއްސަ ކަންތައްތަކެއް ފުރިހަމަވެގެން ކަމަށާއި އަދި މަސްދަރު ހާމަކުރަން އެންގިޔަސް، އެ ނިންމުން އިސްތިއުނާފް ކުރެވިދާނެ ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ އެވެ. އަދި ނޫސްވެރިކަން ކުރިއަރުވަން ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން އަބަދުވެސް ކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެމްއެމްސީ އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ކަންބޮޑުވުމަކީ މަސްދަރު ހާމަކުރަންޖެހޭ ގޮތަށް ގާނޫނުގައި ހިމެނިއިރު ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަން ވެސް ހިމަނާފައި އޮތުމެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވުން އެއްވެސް ގާނޫނެއްގައި މާނަކޮށްފައި ނުވާތީ އާދައިގެ ކަންކަމުގައި ނާޖާއިޒް ގޮތުގައި އޭގެ ބޭނުން ހިފުމުގެ ފުރުސަތު އޮތުމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!