ލަންކާގެ އައު ބޮޑުވަޒީރުކަމުގެ ހުވާ ގުނަވަރުދަނާ ކުރައްވައިފި
ދެންމެ | 22 ޖުލައި 2022

ލަންކާގެ އައު ބޮޑުވަޒީރުކަމުގެ ހުވާ ދިނޭޝް ގުނަވަރުދަނާ ކުރައްވައިފިއެވެ.

އޭނާ މަޤާމުގެ ހުވާ ކުރައްވާފައިވަނީ ހުކުރު ދުވަހުއެވެ. ވެރިރަށް ކޮލަމްބޯގައި ހުންނަ ބޮޑުވަޒީރުގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މަޤާމުގެ ހުވާ ކުރައްވާފައިވަނީ އެ ޤައުމުގެ ރައީސް ރަނިލް ވިކްރަމްސިންހާގެ ކުރިފުޅުމަތީގައެވެ.

މިއީ ރަނިލް ރައީސްކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް މަޤާމަކަށް އައްޔަނު ކުރެއްވި ފަރާތެވެ. ވިކްރަމަސިންގހަ ލަންކާގެ ރައީސް ކަމަށް ހޮވިވަޑައިގަންނަވާފައިވަނީ ބުދަ ދުވަހުގެ ހެނދުނު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށް ގެންދިޔަ ވޯޓަށް ފަހުއެވެ. އެވޯޓުލުމުގައި ވިކްރަމަސިންގހައަށް ވަނީ 134 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންފައެވެ.

ދިނޭޝް ގުނަވަރުދެނާ އުފަންވެވަޑައިގަތީ 2 މާރޗު 1949 ގައެވެ. އެމަނިކުފާނުގެ މައިންބަފައިންނަކީ ފިލިޕް ގުނަވަރުދެނާއާއި، ކުސޫމާ ގުނަވަރުދެނާއެވެ.

އެމަނިކުފާނު ތައުލީމު ހާސިލު ކުރެއްވީ ކޮލަމްބޯގެ ރޯޔަލް ކޮލެޖުންނެވެ. އެއަށްފަހު ޤައުމުން ބޭރުން މަތީތައުލީމު ހާސިލު ކުރެއްވިއެވެ.

ދިނޭޝް ވަނީ ނެދަލެންޑްސްގެ ނިޖެންރޯޑް ބިޒްނެސް ޔުނިވަރސިޓީން ޑިޕްލޮމާ އިން އިންޓަރނޭޝަނަލް ބިޒްނަސް ޙާސިލު ކުރައްވާފައެވެ.

އެއަށްފަހު ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އެމެރިކާގެ ޔުނިވަރސިޓީ އޮފް އޮރެގަންއިން ޑިގްރީ ޙާސިލު ކުރައްވާފައިވެއެވެ.

ދިނޭޝް އެނބުރި ޤައުމަށް ވަޑައިގަތީ 1973 ގައެވެ. އެއަށްފަހު ސިޔާސީ ދާއިރާއަށް ގުޅިވަޑައިގެންނެވީ ”މަހާޖާނާ އެކްސާތު ޕެރަމުނާ (މެޕް) އިންނެވެ. އެއަށްފަހު، 1983 ގައި ވަނީ މަޖިލިސް މެމްބަރަކަށް ހޮވިވަޑައިގެންފައެވެ.

އޭނާ ފުރުއްވާފައިވާ ބައެއް މަޤާމުތަކަށް ބަލާއިރު، ޓްރާޏްސްޕޯޓު މިނިސްޓަރުކަމާއި، އެންވަޔަރމަންޓް މިނިސްޓަރުކަމާއި، ހަޔަރ އެޑިއުކޭޝަން މިނިސްޓަރުކަމާއި، ފޮރިން މިނިސްޓަރުކަމުގެ މަޤާމުވެސް ހިމެނެއެވެ.

ލަންކާގެ ސިޔާސީ ޕާޓީތަކުން ވަނީ އައު ރައީސަކާއެކު ހުރިހާ ސިޔާސީ ޕާޓީއެއް އެކުލެވޭ ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށް އެއްބަސްވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!