ކާނަލް ނަސީދު ހައްޔަރު ކޮށް އިތުރު މީހުން ހައްޔަރު ކުރަން ފަށައިފި
ދެންމެ | 28 ޖުލައި 2022

ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ބަދުއަހުލާގީ އަމަލުތައް ހިންގާ ވީޑިއޯތަކުން ފެންނަ މީހުން ކޯޓު އަމުރުތަކެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން މިއަދު ފަށައިފި އެވެ.

މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި ހައްޔަރު ކުރަން ކޯޓު އަމުރު ލިބިފައި ވަނީ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު އެވެ.

މިއަދު މެންދުރު އެ މައްސަލާގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ފުލުހުންނަށް ދީފައިވާކަން ވަނީ ކަށަވަރު ކުރެވިފަ އެވެ. އަދި، މިހާރު އެ މީހުން ހޯދައި ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

އޭގެތެރެއިން ކާނަލް ނަޝީދު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެނގިފައިވާ ގޮތުގައި ނާޒިމް މިވަގުތު ހުރީ ރިސޯޓެއްގަ އެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ މީގެ ކުރިން ނާޒިމް ސައްތާރު ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާނެއް ނަގައިފަ އެވެ. ނަމަވެސް ކާނަލް ނަޝީދުގެ ބަޔާނެއް ނަގާފައެއް ނުވެ އެވެ. އެކަމަކު އަބްދުއްރަހްމާން ރަފީއު ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށް އޭނާގެ ޖިނާއީ އަދި ޑިސިޕްލިނަރީ މައްސަލަ ދަނީ ބަލަމުންނެވެ.

ބްލެކްމެއިލް ކުރުމުގެ މަގްސަދުގައި އެއްޖިންސުން ގުޅުން ހިންގި މަންޒަރު ވީޑިއޯ ކުރި ކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ އަލަމްގީރު ކުރިްނ ހައްޔަރު ކުރިއިރު މިއަދު ހައްޔަރު ކުރި މީހުންގެ ޕާސްޕޯޓުތައް އޮތީ ކުރިން ހިފަހައްޓައިފަ އެވެ.

އަލަމްގީރް ހައްޔަރުކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގަ އެވެ. ބަންދުކޮށްގެން ތަހުގީގު ކުރިއަށް ގެންދަން އެންމެ ފުރަތަމަ ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ދިނެވެ. އެ ފަހުން އޭނާގެ ބަންދަށް ވަނީ އިތުރު 15 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިފަ އެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ފާހަގަކޮށްލެވޭ ބައެއް މީހުންނާއި ދައުލަތުގެ އިދާރާތަކުގެ ބައެއް އިސްވެރިންގެ މައްޗަށް ވެސް އެއްޖިންސުން ގުޅުން ހިންގި ކަމަށް ވަނީ ތުހުމަތުކުރެވިފަ އެވެ.

ގުޅުންހުރި ލިޔުންތައް