ލާމް، ފުވައްމުލަކު އަދި އައްޑޫގައި ބަހުގެ ހިދުމަތް ފަށައިފި
ދެންމެ | 31 ޖުލައި 2022

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް .ޓީ.އެލް) ބަހުގެ ޚިދުމަތް އައްޑޫ، ފުވައްމުލައް އަދި ލ.އަތޮޅުގައި ފަށައިފިއެވެ.

އެމްޓީސީސީން ބުނީ އާރުޓީއެލްގެ ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރާއެކު ސޮއިކޮށްފައިވާ 50 އަހަރުގެ ސާރވިސް އެގްރީމަންޓްގެ ދަށުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ލ. ގަން (އަދި ގުޅިފައިވާ ރަށްތައް) އަދި ލ. އިސްދޫ އާއި ލ. ކަލައިދޫއަށް ބަހުގެ ޚިދުމަތް ފަށާފައިވާކަމަށެވެ.

އާރްޓީއެލް ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ބަސްތައް ވަނީ ކަނޑައެޅިފައިވާ ރަށްތަކަށް މިހާރު ގެންގޮސްފައެވެ. އެގޮތުން ލ. އިސްދޫ އާއި ލ. ކަލައިދޫއަށް 2 ބަސް، ލ. ގަމަށް (އަދި ގުޅިފައިވާ ރަށްތަކަށް) 4 ބަސް، ފުވައްމުލަށް ސިޓީއަށް 4 ބަސް، އަދި އައްޑޫ ސިޓީ އަށް 13 ބަސް ވަނީ ގެންގޮސްފައެވެ.

ފެންވަރު ރަނގަޅު ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ ”ރާއްޖެ ޓްރާންސްޕޯޓް ލިންކް“ގެ ޚިދުމަތުގެ ތެރޭގައި އާރްޓީއެލް ފެރީ އަދި ބަހުގެ ޚިދުމަތް ދިނުން ހިމެނެއެވެ. އެގޮތުން މި ޚިދުމަތް ދިނުމަށްޓަކައި އާރްޓީއެލް ބްރޭންޑުކުރެވިފައިވާ ފެންވަރު ރަނގަޅު އައު 41 ބަސް ވަނީ ރާއްޖެއަށް ގެނަސްފައެވެ. މި ބަސްތަކަކީ ރާއްޖޭގެ އެކި ރަށްރަށުގެ މަގުތަކުގައި ދުއްވުމަށް އެކަށީގެންވާ ބޮޑުމިނާއި ޖާގައިގެ ބަސްތަކެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!