މާމުއި ބޯންދީގެން ސިޔާސީ މުވައްޒަފުން ކެމްޕޭނަށް ނެރުމަށް ރައީސް އޮފީހުން އަންގައިފި
ދެންމެ | 02 އޯގަސްޓް 2023

ސަރުކާރުގެ މިނިސްޓްރީތަކުގައި މަސައްކަތްކުރާ ސިޔާސީ މުވައްޒަފުން އެމްޑީޕީގެ ކެމްޕެއިނަށް ދޫކުރަން ރައީސް އޮފީހުން މިނިސްތްރީތަކަށް އެންގިކަން އެނގިއްޖެ އެވެ.

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންދަވަނީ އަތޮޅުތަކަށް ކެމްޕެއިން ދަތުރުތައް ކުރައްވަމުންނެވެ.

އެ ދަތުރުތަކުގައި އެމަނިކުފާނާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީއާއި، އެމްޑީއޭ އަދި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި ބައެއް ދަތުރުތަކުގައި ސިޔާސީ މުވައްޒަފުން ބައިވެރިވި ނަމަވެސް، ވަޒީފާގެ ގޮތުން މުވައްޒަފުންނަށް ކެމްޕެއިނަށް ދާން އުނދަގުލެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި އުޅޭ މުވައްޒަފުން ކެމްޕެއިން މަސައްކަތަށް ދޫކުރަން ރައީސް އޮފީހުން ހުރިހާ މިނިސްޓްރީތަކަށް ވަނީ އަންގާފަ އެވެ.

އަދި މިހާރު އެގޮތަށް އަމަލުކުރަން ފަށައި، ގިނަ މިނިސްޓްރީތަކުގެ މިނިސްޓަރުންނާ ހަމައިން ފެށިގެން ގޮސް ސިޔާސީ މުވައްޒަފުން ތިބީ ރައީސް އިބްރާހީމްގެ ކެމްޕެއިނަށް ރަށްރަށުގަ އެވެ.

މީގެ ކުރިން އެއްވެސް ސަރުކާރެއްގައި އައްޔަން ނުކުރާހާ ގިނަ ސިޔާސީ މުވައްޒަފުން މި ސަރުކާރުން އައްޔަންކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ. އޭގެ ތެރޭގައި 20،000 އިން މަތީގެ މުސާރަ ލިބޭ، މިނިސްޓަރީތަކުގެ ޑިރެކްޓަރުންގެ މަގާމުތައް ގިނަ އެވެ.

މި ސަރުކާރުން އިންތިހާބުތަކުގައި ދައުލަތުގެ ކުންފުނިތަކުގެ ވަސީލަތް ބޭނުންކުރާ މައްސަލަތައް ވެސް މީގެ ކުރިން ފެންމަތިވެފައިވެ އެވެ. އަދި ރައީސްގެ ކެމްޕެއިންތަކަށް އެސްއޯއީ ތަކުގެ މުވައްޒަފުން ލައްވައި ގިޑިގެ ތައްޔާރުކުރުމާ ބެނާ ދަމާކަން ވެސް ވަނީ ހާމަވެފަ އެވެ. އޭގެ އިތުރުން ރައީސްގެ ޖަލްސާތަކުގައި ތާއިދު އޮތްކަން ދެއްކުމަށް، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ޖަލްސާއަށް ދާން އެންގުމާއި، ރަށްރަށް އެމަނިކުފާނު ވަޑައިގަންނަވާއިރު މަރުހަބާ ކިޔަން ނުކުންނަން ވެސް އަންގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!