އެމްޑީޕީ ސަރުކާރުން ވަނީ ދައުލަތަށް ރިސޯޓުތަކުން ލިބެން ޖެހޭ 5.9 ބިލިޔަން މަޢާފް ކޮށްފައި: އޮޑިޓަރ ޖެނެރަލް
ދެންމެ | 10 އޯގަސްޓް 2025

ރިސޯޓުތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ބޮޑު ބައެއް ނިމިދިޔަ އެމްޑީޕީ ސަރުކާރުން، ރިޔާސީ ކެމްޕެއިން ތެރޭގައި މާފްކޮށްދީފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ދައްކައިފިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން، އެ އަހަރު ނިމުނުއިރު ރިސޯޓް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 5.9 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބި ހުއްޓެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން، 2022 ވަނަ އަހަރު ރިސޯޓްތަކުގެ ކުލި ދެއްކުމަށް ދިން ލުއިތަކާ ގުޅިގެން 4.1 ބިލިއަން ރުފިޔާ ދައްކަން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން 2023 ވަނަ އަހަރު ބައެއް ރިސޯޓްތަކާއެކު ސެޓުލްމެންޓް އެގްރީމެންޓްތައް ހަދައި، ޖޫރިމަނާގެ ބޮޑެތި އަދަދުތަކެއް މާފްކޮށްދީފައިވާ ކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓަރ ޖެނެރަލް ވިދާޅުވާ ގޮތުގައި، ކުލި ދައްކާ ފަރާތްތަކާއި ނުދައްކާ ފަރާތްތަކާ ދެމެދު ތަފާތެއް ނެތި ޖޫރިމަނާ މާފްކުރަމުން ދިއުމަކީ، ގަވާއިދުން ކުލި ނުދައްކަން ހިތްވަރު ލިބޭ ކަމެކެވެ. އަދި އެއްބަސްވުންތަކަށް އިހްތިރާމު ނުކުރާ ފަރާތްތަކާއެކު ތަކުރާރުކޮށް ސެޓްލްމަންޓް އެގްރީމެންޓް ހެދުމުގެ ސަބަބުން “ކުލި ނުދެއްކުމުގެ ރޫހެއް” އުފެދޭ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ކުލި ނުލިބޭ މައްސަލަތަކުގައި ކަމާބެހޭ އިދާރާ، ޓޫރިޒަމް މިނިސްޓްރީން އެކަށީގެންވާ ފިޔަވަޅުތައް އަޅާފައި ނުވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ރިޕޯޓުގައި ވަނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި އެންފޯސްމެންޓް ފިޔަވަޅުތައް ވަރުގަދަކޮށް، ގަވާއިދުން ފިޔަވަޅު އެޅުމަށް ލަފާދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!