މާލޭ މީހުން އަދުން އަޅުވައި، ވަކި ބަޔަކަށް ގޯތި ބެހުން ހުއްޓުވަން ޖެހޭ: އަލީ ހުސެން
ދެންމެ | 03 އޯގަސްޓް 2022

ހުޅުމާލޭގެ ބިން ވަކިބަޔަކަށް ހިލޭދިނުމަކީ މިވީހާތަނަށް ފާޅުގައި ސަރުކާރަކުން ހިންގާނެ އެންމެ ބޮޑު ޖަރީމާ ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މެންބަރު އަލީ ހުސައިން މިހެން ވިދާޅުވީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅީފަޅު ހިއްކާ އެ ސަރަހައްދުން 2000 ގޯތި ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާތީ އެކަމާއި ގުޅިގެން އޭނާ ފާޅުކުރައްވަމުން ގެންދަވާ ކަންބޮޑުވުންތައް ތަކުރާރު ކުރައްވަމުންނެވެ.

ހުޅުމާލެ އިންނާއއި ގުޅީފަޅުން ގޯތި ދެނީ ހަމައެކަނި މާލޭ މީހުންނަށެވެ. މާލޭ ސަރަހައްދުގައި ގޯއްޗެއްގެ އަގު އެތައް މިލިއަން ރުފިޔާއަކަށް އަރާއިރު ހިލޭ އެއްވެސް ބަޔަކަށް ގޯތި ދިނުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށް ވަރަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އަލީ ހުސެއިން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭގެ ބިން ވަކިބަޔަކަށް ހިލޭދިނުމަކީ މިވީހާތަނަށް ފާޅުގައި ސަރުކާރަކުން ހިންގާނެ އެންމެ ބޮޑު ޖަރީމާ ކަމަށެވެ. މިއީ ދުނިޔޭގެ އެހެންގައުމެއްގައި ކުރާކަމެއްނަމަ އެ ގައުމެއްގެ ރައްޔިތުން މަގުމައްޗަށް ނިކުމެ ސަރުކާރާ ދެކޮޅަށް ވަރުގަދަޔަށް މުޒާހަރާ ކުރީސް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަލީ ހުސެއިންގެ ވާހަކަތަކަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވެސް ތާއިދު ކުރެއްވިއެވެ. ދިޔާނާ ވިދާޅުވީ ހުޅުމާލެ އާއި ގުޅީފަޅުން ހިލޭ ގޯތި ދިނުމަކީ ހުދު ”މާލޭ މީހުންގެ“ މެދުގައި ވެސް ކުރާ ތަފާތުކުރުމެއްކަމަށެވެ. މާލޭގައި ދިރިއުޅޭ އެންމެ ނިކަމެތި މީހުންނަށް ގާކޮށިންނާއި ހިޔާ އިން ބޮޑު އަގުގައި ކުދިކުދި ފްލެޓް ވިއްކާފައި އެހެން ބަޔަކަށް މިލިއަނުން އަގު ކުރެވޭ ބިން ހިލޭ ދިނުމުގައި އޮތް އިންސާފަކީ ކޮބައިތޯ ދިޔާނާ ސުވާލު ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!