އިންޑިޔާ ބޮންދުންނަށް ވެސް ގޯތި ދީފައި ވަނީ އިންސާފުން: މަހްލޫފް
ދެންމެ | 29 ޖޫން 2023

މި ސަރުކާރުން މާލެ ރައްޔިތުންނަށާއި އިންޑިޔާ މީހުންނަށް ގޯތި ދީފައި ވަނީ އިންސާފުން ކަމަށާއި އެ ހަގީގަތް ބަދަލުނުކުރެވޭނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިހެން ވިދާޅުވެފައިމިވަނީ ”ބިންވެރިޔާ ސްކީމް“ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުންނާއި ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ބިދޭސީންތަކެއްގެ ނަންތަކެއް އޮތުމުން ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މަހުލޫފް ވިދާޅުވީ 10،000 އަށްވުރެ ގިނަ މީހުންނަށް ގޯތި ދޫކޮށް ވަގުތީ ލިސްޓެއް އާއްމުކުރުމުން، މިދިޔަ ދެތިން ދުވަހު ތެރޭގައި ޝަކުވާ ގޮތުގައި ނޫނީ ކަންބޮޑުވުންތަކެއް ގޮތުގައި ފެނުނީ 20 ވަރަކަށް ކަންތައް ކަމަށެވެ.

”ވަކި ޕާޓީއެއް ވަކި އާއިލާއެއް ތަފާތުނުކޮށް ޝަރުތު ހަމަވި ހުރިހާ ފަރާތްތަކަށް ހަމަހަމަކަމާއި އިންސާފުން ގޯތި ދީފައިވާކަން އެއީ ބަދަލުނުކުރެވޭނެ ހަގީގަތެއް.“ އޭނާ ވިދާޅުވި އެވެ.

ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ވަގުތީ ލިސްޓުގައި އޮތީ 3 ބިދޭސީއެއްގެ ނަން ކަމަށާއި ވަގުތީ ލިސްޓެއް ނެރުމަކީ މިފަދަ ކަންކަން އިސްލާހު ކުރުމަށް ހިންގޭ މަރުހަލާއެއް ކަމަށެވެ. އަދި ދާއިމީ ލިސްޓު ނުކުންނާނީ އެކަންކަން ބެލި ރަނގަޅު ކުރުމަށް ފަހު ކަމަށް ވިދާޅުވި އެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!