ޝިއާ ގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައި: ފުލުހުން
ދެންމެ | 08 އޯގަސްޓް 2022
ރޭ މާލޭގައި ރަޙުމްކުޑަކޮށް މަރާލި ޝިއާއު މުހައްމަދު ސައީދު (ޝިއާ) ގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ ޝިއާގެ މަރާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުންގެ ފަރާތުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ނަމަވެސް، ޕޯސްޓްމޯޓަމް ހަދަނީ ރާއްޖޭގައިކަމެއް ނުވަތަ ރާއްޖޭން ބޭރު ގައުމަކަށް ފޮނުވައިގެންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ، މިވަގުތު އެ މައްސަލައިގައި އިތުރު މީހަކަށް ތުހުމަތު ކުރެވިފައި ނުވާ ކަމަށާއި އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ ފ. ނިލަންދޫ، ފިނިފެންމާގެ އަލީ ޝާހިލް (ޝާހިލް) މިވަގުތާ ހަމައަށް ކުށަށް އިއުތިރާފް ވެފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ ޝާހިލް ހައްޔަރުކޮށް މަސްތުވާތަކެއްޗަށް ޓެސްޓް ކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ހ. ޝީރީނުވިލާގޭގެ އެޕާޓްމަންޓެއްގައި މަރާލާފައިވާ ޝިއާގެ ހަށިގަނޑަށް ލާއިންސާނީ އަނިޔާތަކެއް ވަނީ ދީފައެވެ. އަދި ޝަރީޢަތް ނިމެންދެން ޝާހިލް ބަންދުގައި ބެހެއްޓުމަށް ކޯޓުން މިއަދުވަނީ އަމުރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!