ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ދިޔަ ޚަރަދު ކަނޑާލައިފި
ދެންމެ | 31 މާރޗް 2026

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮަތަށް ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ދިޔަ ޚަރަދު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑާލައިފި އެވެ.

މިކަމާ ގުޅިގެން ހިޔާ ފްލެޓްތަކުގެ ވެރިންނަށް މިދިޔަ ހަފްތާގައި ފޮނުވި ސިޓީގަައި އެޗްޑީސީން ބުނީ ފްލެޓުގެ ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200،000 ރުފިޔާގެ ޑިސްކައުންޓު ނުދެވި އޮތް އަދަދުން، ފްލެޓުގެ ކުލީގެ ގޮތުގައި ނުދެއްކި ހުރި ފައިސާ އުނިކުރާނެ ކަމަށެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ދިޔަ ޚަރަދު ހަމަކުރުމަށް، ކުރިއަށްއޮތް ދެއަހަރު ވެސް އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުލި ދައްކަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް މެއިންޓައިނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު ވެސް 1،000 ރުފިޔާ ދައްކަންޖެހޭނެ އެވެ.

ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ހަމަޖެއްސެވީ މަހަކު 8،500 ރުފިޔާ އެވެ. ނަމަވެސް، މިދިޔަ ރިޔާސީ އިންތިހާބާ ގާތްކޮށް، ކުލި 5،300 ރުފިޔާއަށް ކުޑަކުރި އެވެ. ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެން ހިޔާ ފްލެޓުތަކުގެ ކުލި ވަނީ 3،984 ރުފިޔާއަށް ކުޑަ ކުރައްވާފަ އެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން މިދިޔަ ޑިސެމްބަރު މަހާ ހަމައަށް އަރާފައިވާ ޖޫރިމަނާތައް ވެސް ސަރުކާރުން ވަނީ މާފުކޮށްދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!