ސިޢާ މަރާލި ކަމަށް ސާހިލް އެއްބަހެއް ނުވޭ: ޕޮލިސް
ދެންމެ | 08 އޯގަސްޓް 2022

މާލޭގައި ރަހުމުކުޑަ އަނިޔާވެރި ގޮތަކަށް މަރާލި އަންހެން މީހާގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ އަލީ ޝާހިލް އަދި މިހާތަނަށް ކުށަށް އިއުތިރާފް ވެފައި ނުވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

މާލޭ ޗީބޯ ކެފޭ ގޯޅި ތެރޭގައި ހުރި ހ.ޝީރީންވިލާ ގޭގައި ރޭ މަރާލާފައި އޮއްވާ ފެނިފައިވަނީ ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 އެވެ. އެ މައްސަލައާ ގުޅިގެން ކުށުގެ ވެށިން ފުލުހުން ހައްޔަރުކޮށްފައިވަނީ ފ.ނިލަންދޫ ފިނިފެންމާގެ އަލީ ޝާހިލްއެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.

މި މަރާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝިފާއު ވިދާޅުވީ ޝިއާއުގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވެނީ ޝާހިލަށް އެކަނި ކަމަށެވެ. އެހެން ނަމަވެސް މިވަގުތާއި ހިސާބަށް އޭނާ ކުށަށް އިއުތިރާފް ވެފައި ނުވާ ކަމަށް ޝިފާއު ވިދާޅުވިއެެވެެ. ޝިއާއު މަރާލި ސަބަބު ހާމަކުރަން އަދި ދަތި ކަމަށް ޝިފާއު ވިދާޅުވިއެވެ.

ޝިއާއު މަރާލި ކޮޓަރި އަކީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ޝާހިލް ދިރިއުޅުނު ކޮޓަރި ކަމަށް ޝިފާއު ވިދާޅުވިއެވެ. ޝިއާއު އާއި ޝާހިލް އަކީ ދެމަފިރިން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް އެކަމުގައި ހަގީގަތެއް ނެތް ކަމަށް ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ މިމައްސަލައިގައި ހެއްކާ ގަރީނާ ހޯދުމަށް ފުލުހުން މިހާރު ވެސް ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. ޝިފާއު ވިދާޅުވީ ޝިއާއުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފައިވާ ކަމަށާއި މަރުވި ގޮތް ދެނެގަނެވޭނީ ޕޯސްޓްމޯޓަމްގެ ނަތީޖާ އަށް ބެލުމަށްފަހު ކަމަށެވެ.

ޝިފާއު ވިދާޅުވީ ތަހުގީގު މިހާރު ކުރިއަށްދާއިރު އެކި ކަހަލަ މައުލޫމާތުތައް ލިބިފައިވާ ކަމަށެވެ. އެގޮތުން ދެ މީހުންގެ މެދުގައި ހަމަނުޖެހުން ހިންގުމާއި ގެވެށި އަނިޔާގެ މައްސަލަތަކެއް ހުރި ނަމަވެސް އެކަންކަން އަދި ޔަގީން ނުވާ ކަމަށާއި އެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝިފާއު ވިދާޅުވިއެވެ.

 

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!