އަންހެނުން ލިނަން ފޮތީގެ ފައިކުރި ފުޅާ ހަރުވާޅު ލުން!
ދެންމެ | 26 އޯގަސްޓް 2023

ހޫނު ގަދަ މޫސުމާ އެންމެ ގުޅޭ ފޮއްޗަކީ ކޮބައިހޭ މީހަކު ގާތު އަހާލިޔަސް ގޫގުލްގައި ޖަހާލިޔަސް އެންމެ ފުރަތަމަ އަންނާނެ އެއް ޖަވާބަކީ ލިނެން ފޮއްޗެވެ. ރާއްޖެއަކީ އަބަދުވެސް ހޫނު ގައުމެއް ކަމަށް ވާތީ ރިސޯޯޓުތަކުގަ އާއި ކެފޭތަކުގައި ގިނަ ވަގުތު މަސަތްކަތްކުރާ މުވައްޒަފުންގެ ޔުނިފޯމުތަކަށް ވެސް އެންމެ ރަނގަޅު އެއް މެޓީރިއަލް އަކީ މި އެވެ. ސަބަބަކީ ލިނެން ހިމެނޭ ފޮއްޗަކީ ލުއި، ވައި ދައުރުވާ މަޑު ފޮއްޗަކަށް ވާތީ އެވެ.

މިއަދު ބުނެދޭން މިއުޅެނީ ލިނެން ފަޓުލޫނު ނުވަތަ ހަރުވާޅު ސްޓައިލްކުރާއިރު ސަމާލުކަން ދޭންވީ ކަންކަމަށެވެ. އަޅާ ހެދުމާ ދޭތެރޭ މާބޮޑަށް ވިސްނާނުލައި މިކަހަލަ ލިނެން ހަރުވާޅެއް ލައިގެން ހުންނަ އިރު ބައެއް ފަހަރު ޕިޖާމާއެއް ސިފަވާ ފަހަރު ވެސް އާދެވެ. ރަނގަޅަށް ސްޓައިލް ކުރެވިއްޖެ ނަމަ މިކަހަލަ ލިނެން ހަރުވާޅު ބޭނުން ކޮންމެ މުނާސަބަތަކާ ގުޅުވާލެވޭނެވެ.

ގިނަ ކުލަތަކަކުން ހުއްޓަސް މާލޭގައި އާންމުކޮށް އެންމެ ފަސޭހައިން ގަންނަން ލިބެން ހުންނަ ކުލަތަކަކީ މުށި ކުލަތަކާއި ކްރީމް އަދި ހުދު ކުލަ އެވެ. ލައިގެން އުޅެލަން ފަސޭހަ މި ވައްތަރުގެ ހަރުވާޅު ލާއިރު ވިސްނާލަން މުހިންމު ޕޮއިންޓުތައް ލިސްޓުކޮށްލާނަމެވެ.

ހަރު ޓެކްސްޗާއެއް އައުޓްފިޓުގައި ހުންނަން ޖެހޭ

ދޫކޮށް ހުންނަ މަޑު ލިނެން ހަރުވާޅަކާ އެކީ އެއާ އެއްވަރުގެ މަޑުކަމެއް ހުންނަ ދޫ ގަމީހެއް ނުވަތަ މަޑު ޓީޝާޓެއް ގުޅުވައިފި ނަމަ ޕިޖާމާއަކާ ވައްތަރުވުމުގެ ފުރުސަތު ނިކަން ބޮޑުވާނެ އެވެ. އޭގެ ބަދަލުގައި، ގަޔަށް ހަރު ފޮއްޗެއްގެ ޓޮޕެއް ލުން ރަނގަޅުވާނެ އެވެ. ހަރު ފޮޮއްޗެއްގެ ޓޮޕެއް ލާ ނަމަ ނިދާ ހެދުމެއްގެ ސިފައެއް ނާންނާނެ އެވެ. މިއާ އެކު ގަހަނާ ނުވަަތަ އެސަސަރީ އެޅުމުން މި ލޫކް އިތުރަށް ފުރިހަމަ ކޮށްލަދެ އެވެ. ތޮތްޕެއް ނުވަތަ ފަށެއް އެޅީމާ އަދި މާ ފުރިހަމަވާނެ އެވެ.

މާ ދޫކޮށް ހުންނަ ޓޮޕްތައް ނުލާތި

ލިނެން ހަރުވާޅުގެ އެކި ކަޓުތައް ހުރެ އެވެ. އޭގެ ތެރޭގައި ސްލިމް ކަޓް، ފައި ކުރިއަށް ފުޅާ ކްރޮޕްޑް ކަަޓް އަދި ފައިކުރިއަށް ފުޅާ ދިގުކޮށް ހުންނަ ކަޓް ހިމެނެ އެވެ. މިއިން ކޮންމެ ވައްތަރެއްގެ ކަޓެއް ލިއަސް މާ ދިގު އަދި ގަޔަށް ދޫ ޓޮޕްތައް ނުލައި ދޫކޮށްލާށެވެ. މިސާލަކަށް، ހަރުވާޅުގެ ރަބަރުގަނޑު ނުވަތަ ބެލްޓުއަޅާގޮޮތަށް ހުރި ނަމަ ބެލްޓު ނުފެންނަ ވަރުގެ ދިގު އަދި ދޫ ހަރުވާޅެއް ލުން ރީއްޗެއް ނުވާނެ އެވެ. އޭގެ ބަދަލުގައި، ރަބަރުގަނޑާ ހަމައަށް އަރާވަރުގެ ޓޮޕެއް ލުން ރަނގަޅުވާނެ އެވެ. ނުވަތަ އުނަގަނޑާ ހަމައިން ކުރިމަތި ދަށަށް ޖަހާލާށެވެ. މިއަށް ”ހާފް ޓަކްޑް އިން“ އޭ ވެސް ކިޔަ އެވެ. މީގެ އިތުރުން، ދޫ ޓޮޕެއް ނަމަ އުނަގަނޑާ ހަމައިން ގޮށެއް ޖަހާލަވިދާނެ އެވެ. ބޭނުމަކީ ހަތަރެސްކަން ކަނޑުވާލައި އުނަގަނޑުން ވަކިވާ ހިސާބު ފާހަގަކޮށްލުންކަން ހަނދާނުގައި ބަހައްޓާށެވެ.

ލިނެން ހަރުވާޅާ އެންމެ ގުޅޭނެ ބޫޓް ނުވަތަ ފައިވާން

މި ޕޮއިންޓު އެންމެ ބޮޑަށް ޑިޕެންޓުވަނީ ދާން އުޅޭ ތަނަކާއި ހަފްލާ އަށެވެ. ބީޗަށް ދާ ނަމަ ހަމަ ޔަގީނުން ވެސް ފެންފައިވާނެއް ރަނގަޅުވާނެ އެވެ. އެއާ ހިލާފަށް، ކެޝުއަލް ސްޓައިލިޝް ލޫކްއެއް ބޭނުންވާ ނަމަ މިއީ އެންމެ މުހިންމު އެއް ޕޮއިންޓެވެ. ނުގުޅޭ ބޫޓަކަށް އަރައިފި ނަމަ މުޅި އައުޓް ފިޓް ހަޑިވާނެ އެވެ. ރޭގަނޑުގެ ވަގުތެއްގައި ޑޭޓަކަށް ނުވަތަ ބިޒްނަސް މީޓިންއެއް ނުވަތަ ޕާޓީއަކަށްދާ ނަމަ އައުޓް ފިޓް ދެން އިން ހަރުފަތަށް މައްޗައް ޖައްސައިލެވޭނެ ބޫޓް ސްޓައިލްތަކުގެ ތެރޭގައި ލެދާ، ސުއެޑް މެޓީރިއަލްގެ ބޫޓު ހިމެނެ އެވެ. މި ނޫނަސް ”ފޭންސީ“ ހެން ހީވާ ބޫޓުތައް ސްނީކާސް ސްޓައިލްގެ ބޫޓަށްވުރެ ރަނގަޅުވާނެ އެވެ. މީގެ އިތުރުން ބޫޓްގެ ކުލަ، އަޅައިގެން ހުންނަ އެސަސަރީއަކާ ގުޅުވާލުމުން ވެސް ރީތިވާނެ އެވެ.

ލިނެން ހަރުވާޅުގެ އައުޓްފިޓްތައް

ދެން މިއޮޮތީ ލިނެން ހަރުވާޅު ސްޓްއިލްކުރާނެ ”އައުޓްފިޓް އައިޑިއާ“ ތަކެކެވެ.

ކެޝުއަލް ލޫކް: ގަޔަށް އަރާމު އަދި ކެޝުއަލް އައުޓްފިޓެއް ބޭނުންވަންޏާ މިކަހަލަ ހަރުވާޅާ އެކީ ފެންފައިވާން ނޫން ފްލެޓް ފައިވާނަކަށް އަރާށެވެ. އެއާ އެކު ހަމަ ޕްލެއިން ހުދު ޓީޝާޓެއް ނުވަަތަ ޕެޓާންއެއް ހުރި ޓޮޕަކާ އެކީ ފައިކުރިއަށް ފުޅާ ލިނެން ހަރުވާޅެއް ލުމުން ރީތިވާނެ އެވެ.

އެލެގަންޓް ލޫކް: އެލެގަންޓް އައުޓްފިޓަކަށް މާ ބޮޑު ތަފާތުތަކެއް ގެންނާކަށް ނުޖެހެ އެވެ. އެކީ ގެންގުޅޭ ކުލަތަކުން މިކަން ކޮށްލެވިދާނެ އެވެ. ހުދު ލިނެން ހަރުވާޅަކާއި ރަން ނުވަަތަ ”ބެއިޖް“ ކުލައެއްގެ ފައިވާނެއް ހޯދާލާށެވެ. އަދި އެސަސަރީތަކުގައި ވެސް މި ކަހަލަ ކުލަތައް ގެންގުޅޭށެވެ. މިސާލަކަށް، ރަން ކުލައިގެ ބޮޅެއް ކަންފަތުގައި ލައްވާލުމުން ރީތިވާނެ އެވެ. އަދި ކްރޮޕް ޓޮޕެއް ގުޅުވާލާށެވެ.

ޕާޓީ ލޫކް: ގަދަ ކުލަކުލައިގެ ހެދުން އެޅުމަށް ލޯބިކުރާ ނަމަ ހުދު އަދި މުށި ކުލަތައް ބަހައްޓާފައި ނޫކުލަ ނުވަތަ ފިޔާތޮށި ކުލައެއްގެ ހަރުވާޅެއް ހޯދާލާށެވެ. މިއާ އެކު އޯފް ޝޯލްޑާ ސްޓައިލްގެ ޓޮޕަކާއި ކްލަޗް ޕާސް އަދި ދިގު ކަންފަތުގަލާ އެއްޗެއް ރީތިވާނެ އެވެ.

އޮޮފީސް ލޫކް: އަމިއްލަ އޮފީސްތަކަށް މަސަތްކަތް ކުރަންދާ މީހުންނާ ހެދުން އެޅުމުގެ މާބޮޑު ގަވައިދެއް ނެތް އޮފީސްތަކުގައި މަސަތްކަތްކުރާ މީހުންނަށް މި ސްޓައިލް ރަނގަޅުވާނެއެވެ. ގަވައިދެއް ނެތް ކަމުގައި ވިއަސް ފެންފައިވާނަށް އަރައިގެން ދިއުން އެހާ ރީއްޗެއް ނުނެވެ. އޭގެ ބަދަލުގައި މިއުލްސް ސްޓައިލްގެ ބޫޓެއް ނުވަތަ ހީލްއެއް ވެސް ރަނގަޅުވާނެ އެވެ. ބެލްޓު އަޅާގޮތަށް ހުރި ލިނެން ހަރުވާޅެއް ނަމަ ގަމީހަކާ އެކީ ބެގީ ކޮށްލާފައި ބެލްޓެއް އަޅާލާށެވެ. ބެލްޓާއި ބޫޓުގެ ކުލަ ވެސް ގުޅުވާލެވިދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!