އަލަމްގިރި ހިމެނޭ ގޮތަށް ތިރީސް ހަތަރު ހާސް ބިދޭސީން ގަވައިދަށް ފައްތަނީ.
ދެންމެ | 08 އޯގަސްޓް 2022

ރަސްމީ ލިޔެކިޔުމެއް ނެތި ރާއްޖޭގައި ދިރިއުޅެމުންދާ ބަންގްލަދޭޝްގެ 34،000 މީހަކު ރެގިއުލަރައިޒް ކުރުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނަ ކަމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން މި މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން މިދަނީ އެމްނެސްޓީގެ ފަރާތުން ފަށާފައިވާ ޕްރޮގްރާމެއްގެ ތެރެއިންނެވެ.

މިގޮތުން، ބަންގްލަދޭޝްގެ ހައި ކޮމިޝަންގެ ފަސްޓް ސެކްރެޓަރީ ސޮހެލް ޕަރްވޭޒް ވިދާޅުވީ، އެ ގައުމުގެ މީހުންގެ ލިޔެކިޔުންތައް ހޯދުން އަވަސް ކުރުމަށް އެ މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި ލިޔެކިޔުންތައް ލިބުމާއެކު މަސައްކަތްތެރިންނަށް ހެލްތު އިންޝުއަރެންސާއި އެހެނިހެން އިނާޔަތްތައް ހަމަޖެހި، ބޭންކިން ނިޒާމުގެ ތެރެއިން ބަންގްލަދޭޝް އަށް ފައިސާ ރެމިޓް ކުރެވޭނެ ކަމަށެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުންގެ ތެރެއިން 2019 ވަނަ އަހަރު 45،000 އެއްހާ މީހުން ވަނީ ރަޖިސްޓަރީ ކޮށްފަ އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހު ހަސީނާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުން ރެގިއުލަރައިޒް ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!