ޖިންސީ އަނިޔާގެ ބްލެކްލިސްޓަށް އދ. އިން އިޒްރޭލު ލުމުން، ގުޅުން ކަނޑާލަން ނިންމައިފި
ދެންމެ | 30 މެއި 2026

ހަނގުރާމައިގެ ތެރޭގައި ޖިންސީ އަނިޔާދޭ ފަރާތްތައް ހިމެނޭ އދ. ގެ ބްލެކްލިސްޓުގައި އިޒްރޭލު ހިމެނުމުން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއާ އޮންނަ ހުރިހާ ގުޅުމެއް ކަނޑާލަން އިޒްރޭލުން ނިންމައިފި އެވެ.

ގާޒާ އާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ހިންގާފައިވާ ޖިންސީ އަނިޔާގެ 31 މައްސަލައެއް އދ. އިން ވަނީ ކަށަވަރުކޮށްފަ އެވެ. މިކަންކަން ފާހަގަކޮށް އދ. އިން އިއްޔެ ނެރުނު ރިޕޯޓުގައިވާ ގޮތުން، އޭގެ ތެރޭގައި ރޭޕްކުރުމާއި، ޖިންސީ ގުނަވަންތަކަށް އަނިޔާދިނުމާއި، ގަދަކަމުން އޮރިޔާންކުރުމުގެ އިތުރުން އިއްޒަތް ނަގާލުމުގެ ގޮތުން ހަށިގަނޑު ބަލައިފާސްކުރުން ފަދަ ލާއިންސާނީ އަމަލުތައް ހިމެނެ އެވެ.

މި ތުހުމަތުތައް ދޮގުކުރައްވަމުން އދ. ގައި ހުންނަވާ އިޒްރޭލުގެ ސަފީރު ޑެނީ ޑެނަން ވިދާޅުވީ މިއީ ”ބޮޑު ޖޯކެއް“ ކަމަށެވެ. އަދި ތަހުގީގުކުރަން ދައުވަތު ދިނުމުން ވެސް އދ. ގެ މަންދޫބުން ވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އދ. ގެ އޮފިޝަލުން ވިދާޅުވީ، މިފަދަ އަމަލުތައް ހުއްޓުވަން އިޒްރޭލުން އެޅި ފިޔަވަޅުތަކުގެ މައުލޫމާތު ހޯދަން ތަކުރާރުކޮށް އެދުމުން ވެސް އެއްވެސް އަސާސީ ޖަވާބެއް އެގައުމުން ދީފައި ނުވާ ކަމަށެވެ.

އިޒްރޭލުގެ އިތުރުން، ޔޫކްރެއިން ހަނގުރާމައިގައި ހިންގާފައިވާ މިފަދަ އަމަލުތަކާ ގުޅިގެން ރަޝިއާ ވެސް ވަނީ އދ. ގެ މި ބްލެކްލިސްޓަށް އިތުރުކޮށްފަ އެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމައާ ގުޅުންހުރި ޖިންސީ އަނިޔާގެ 10،000 އަށްވުރެ ގިނަ މައްސަލަ އދ. އިން ރެކޯޑުކޮށްފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!