ދިރާގް ފުޑާލައި ކޭބަލްޓީވީ ނިޒާމް ހިސޯރުކުރުމުގެ ބާރު ސަރުކާރުން ގާސިމާއި ބައިވެރިންނަށް ދީފި
ދެންމެ | 09 އޯގަސްޓް 2022

މީޑިއާނެޓް ކުންފުންޏަކީ ރާއްޖޭގައި އެންމެ ފުރަތަމަ ރިބްރޮޑްކާސްޓިން ޚިދުމަތް ދޭން ފެށި ކުންފުންޏެވެ. ވާދަވެރިކަމެއް ނެތި މުޅި އެ ވިޔަފާރީގެ ކޮންޓުރޯލު ނަގައިގެން ހިންގަމުން އައި މި ކުންފުނީގެ ހިއްސާދާރުންނަކީ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންތަކެކެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ ހިއްސާދާރުންގެ ތެރެއިން އެއް ބޭފުޅާ ކަމުގައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ.

ޤާސިމްގެ އިތުރަށް މީޑިއާނެޓުގެ ހިއްސާދާރުންގެ ތެރޭގައި ސަރުކާރުގެ އެންމެ އިސްވެރިންނާ ގާތް ގުޅުމެއް އޮންނަ އޭޑީކޭ ގުރޫޕުގެ ޗެއާމަން އަޙްމަދު ނާޝިދު (އޭޑީކޭ ނާޝިދު) ރާއްޖެ ޓީވީގެ އެއް މުއައްސިސު އަދި ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަދި ވިޔަފާރިވެރިޔާ އާދަމް ނަސީރު ހުސައިން އަދި ވިޔަފާރިވެރިޔާ ޙަސަން ޒާހިރު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ އެ ކުންފުނީގެ އެމްޑީ އަޙްމަދު ޝަފީއެވެ.

މީޑިއާ ނެޓްގެ ޚިދުމަތް ތައާރަފުވެފައިވަނިކޮށް އަމިއްލައަށް ބައެއް ރަށްރަށުގައި އެ ރަށްރަށުގެ ކުދި ވިޔަފާރިތަކުން ރިބްރޮޑްކާސްޓިން ޚިދުމަތް ދޭން ފެށިއެވެ. ނަމަވެސް އެ ވިޔަފާރިތަކަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ މީޑިއާނެޓެވެ.

ރަށެއްގައި ވަރަށް އާދައިގެ ގޮތަކަށް ކޭބަލް ޓީވީގެ ޚިދުމަތް ދެމުން އައިސް އެ ޚިދުމަތް ހުއްޓައިލި ކުޑަ ވިޔަފާރިއެއް ހިންގި މީހަކު ނަންނުޖެހުން ޝަރުތުކޮށް މައުލޫމާތު ދެމުން ބުނީ އޭނާގެ ވިޔަފާރިއާ ގުޅޭ އެތައް މައްސަލައެއް މީޑިއާ ނެޓުން އިދާރާތަކަށް ހުށަހަޅައިގެން ދުއްތުރާކުރި ކަމަށެވެ.

”އަހަރުމެން ކުދި ވިޔަފާރިތަކުން ކިހިނެއް ތަންތަނަށް އަބަދު ދާނީ. ވަކީލުން ނަގައިގެން އަހަރުމެން ކިހިނެއް ދަނީ؟ ދެން އަހަރުމެންނަށް އަންނަނީ މީޑިއާނެޓްގެ ހުށަހެޅުމެއް، އެއީ އެ ކުންފުނީގެ އެޖެންޓަކަށްވާން. ދެން ކޮން ޗޮއިސެއް އޮންނާނީ؟“ އޭނާ ބުންޏެވެ.

މީޑިއާނެޓުން ކުދި ވިޔަފާރިތައް ދަށުކޮށް އެ ކުންފުނީގެ އެޖެންޓުންނަށް އެ ވިޔަފާރިތައް ބަދަލުކުރުމަށްފަހު، އެ ވިޔަފާރިތަކަށް މީޑިއާނެޓުން ދެނީ ކޮމިޝަނެކެވެ. އެ ކޮމިޝަނުގެ އިތުރަށް އެ ވިޔަފާރިވެރިންނަށް ލިބޭ އެއްވެސް އެއްޗެއް ނޯވެއެވެ.

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ އެއް ކުންފުނި ކަމުގައިވާ ދިރާގުން ކޭބަލް ޚިދުމަތް ފޯރުކޯށްދޭން ފެށުމާއެކު އެ ވިޔަފާރީގެ ވާދަވެރިކަން އިތުރުވިއެވެ. ދިރާގުން ވިޔަފާރީގެ ތެރެއަށް ވަނުމާއެކު މަޑުމަޑުން ކުރިއެރުން ހޯދަން ފެށީ އެއިރު މީޑިއާ ނެޓުން ”ރައިޓްސް“ ގަނެފައިވާ ބައެއް ޗެނަލްތައް ދިރާގުން ގަންނަން ފެށިއެވެ.

އެގޮތުން ކުޅިވަރު ހަރަކާތްތައް އެންމެ ގިނައިން ދައްކާ ގިނަ ބައެއްގެ މެދުގައި މަޤުބޫލު ޗެނަލްތައް ކަމުގައިވާ، އީއެސްޕީއެންގެ ޗެނަލްތަކުގެ ރައިޓްސް ދިރާގު ޓީވީން ހޯދިއެވެ. އެއަށްފަހު ފޮކްސްގެ ޗެނަލްތަކުގެ ރައިޓްސްވެސް ދިރާގުން ހޯދިއެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ސީއެންއެންގެ ރައިޓްސްވެސް ހޯދަން ދިރާގުން އަންނަނީ މަސައްކަތްކުރަމުންނެވެ. ސީއެންއެެން އަދި ފޮކްސްއަކީ މީޑިއާނެޓުގެ ހިސާބުތަކަށް ބަލާއިރު، އެ ކުންފުނިން ދައްކާ ޗެނަލްތަކުގެ ތެރެއިން އެންމެ މަޤުބޫލު ދެ ޗެނަލެވެ.

މި ޗެނަލްތަކުގެ ރައިޓްސް ހޯދުމާއެކު، ދިރާގު ޓީވީގެ ޚިދުމަތްތައް ހަލުއިކުރުމާ ގުޅިގެން މިހާރު ދިވެހިންގެ މެދުގައި ރިބްރޮޑްކާސްޓުކޮށް ކޭބަލް ޚިދުމަތް ފޯރުކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ހަލުއިކޮށް މަޤުބޫލުކަން ހޯދާ ކުންފުނި ކަމުގައި ވިއެވެ.

ވާދަވެރިކަން ބޮޑުވެ މީޑިއާނެޓުގެ މަޤުބޫލުކަން ކުޑަވާން ފެށުމުން އެ ކުންފުނި ވިއްކައިލުމަށްވެސް މީޑިއާ ނެޓުން މަސައްކަތް ފެށިއެވެ. އެގޮތުން އެ ކުންފުނިންވަނީ ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކާ ބައްދަލުކޮށް ކުންފުނި ވިއްކާނެ އަގަކާމެދު މަސްވަރާ ވެސް ކޮށްފަ އެވެ.

މި ހާލަތަށް މީޑިއާނެޓު ވެއްޓިފައިވަނިކޮށް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާ ދިމާކޮށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާ މީޑިއާ ނެޓްއާމެދުގައި ޑީލެއް ހެދިކަމަށް އެ ކުންފުނީގެ އިސްވެރިއެއް ނަން ނުޖެހުން ޝަރުތުކޮށް މައުލޫމާތު ދިނެވެ.

އެގޮތުން އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަވެރިކަމުގެ ތެރޭގައި ރަށްރަށުގައި މީޑިއާނެޓުގެ އެޖެންޓުންގެ ގޮތުގައި ތިބި ފަރާތްތައް މެދުވެރިކޮށް އިންތިޚާބަށް ނުފޫޒު ފޯރުވައި އެ ރަށްރަށުގެ ރައްޔިތުންގެ ތާއީދު ހޯދަން މަސައްކަތް ފެށިއެވެ. އެކަން ކުރަން ނިންމީ ދިރާގު ޓީވީ ހުއްޓުމަކަށް އަންނާނެ ސިޔާސަތެއް ތަންފީޒުކުރަން ފައްޔާޒު އެއްބަސްވެވަޑައިގަތުމުންނެވެ.

ފައްޔާޒުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވަނީ އަނބުރާ މުޅި ދާއިރާގެ ކޮންޓުރޯލު މީޑިއާ ނެޓަށް ލިބޭ ގޮތަށް ނިޒާމު ތަރުތީބުކޮށްދެއްވުމަށެވެ. އެކަން ކުރަން ހަމަޖެއްސީ ބްރޯޑްކޮމް މެދުވެރިކޮށް އެ އިދާރާއިން އެކުލަވައިލާފައިވާ އުސޫލަށް ބަދަލުތަކެއް ގެނެސްގެންނެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުންވަނީ ރިބްރޯޑްކާސްޓިންގެ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ގެނައި އިސްލާހަކީ ރިބްރޮޑްކާސްޓުކުރުމުގެ ހުއްދަ ލިބޭނީ ހަމައެކަނި ސައްތައިން ސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ކަމަށް ކަނޑައަޅައި ގެނައި އިސްލާހެވެ.

ދިރާގަކީ ދިވެހި ސަރުކާރުގެ އިތުރަށް ބަހްރައިން ޓެލިކޮމިއުނިކޭޝަންސް ކޮމްޕެނީ (ބަޓެލްކޯ)ގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެހެންކަމުން މި އުސޫލާއެކު ދިރާގު ޓީވީގެ ޚިދުމަތް ދިނުން ހުއްޓުމަކަށް އައުމުގެ ފުރުސަތު އޮންނާނެއެވެ.

އޭގެ އިތުރަށް މި އިސްލާހާއެކު، އުރީދޫ ފަދަ ކުންފުނިތަކަށް ކޭބަލް ޚިދުމަތުގެ ވިޔަފާރިއަށް ވަދެ، ވާދަވެރިކަން ބޮޑު މާހައުލެއް އުފެއްދުމަށް އޮތް ފުރުސަތު ހަނިވެއެވެ. އަދި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި އަގުހެޔޮ ކުރުމުގެ ފުރުސަތު މި ނިންމިމުގެ ސަބަބުން ކުޑަވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިއްބަވަނީ ހަތް މެންބަރުންނެވެ. އެ ހަތް މެންބަރުންގެ ތެރެއިން ބައެއް މެންބަރުންނަކީ ސީދާ ގޮތުން މީޑިއާނެޓްގެ ހިއްސާދާރުންނާ ގުޅުން އޮތް ބޭފުޅުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މީޑިއާނެޓްގެ ހިއްސާދާރުންނަށް ނިސްބަތްވާ މީޑިއާތަކުގެ ނޫސްވެރިންނެވެ.

އެގޮތުން ކޮމިޝަނުގެ މެންބަރު މުޙައްމަދު ފަޒީނަކީ މީޑިއާނެޓްގެ ހިއްސާދާރު އަކްރަމް ކަމާލުއްދީނުގެ މަސްލަހަތު އޮންނަ ރާއްޖެޓީވީގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ނޫސްވެރިއެކެވެ. މެންބަރު އަލީ ޔޫސަފީ ރާއްޖެޓީވީގެ ނޫސް ޑައިރެކްޓަރެވެ. އޭގެ އިތުރަށް އަމީނާ މުޙައްމަދަކީ މީޑިއާނެޓްގެ ހިއްސާދާރު އަދި ސަރުކާރުގެ ކޯލިޝަނުގެ އެއް ބައިވެރިޔާ ޤާސިމް އިބްރާހީމްގެ ވިލާޓީވީގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. ދެން އިތުރަށް ހުންނެވީ މީޑިއާ ކައުންސިލުގެ ނައިބުރައީސް ޤައިސްއެވެ. ޤައިސަކީ ފިއުލް ސަޕްލައި މޯލްޑިވްސްގެ އެމްޑީ ޤަސަމްގެ ކޮއްކޮއެވެ. އެހެންކަމުން އެއީ ސީދާ ފައްޔާޒުގެ ކޮންޓްރޯލުގެ ދަށުގައި ހުންނެވި ބޭފުޅެކެވެ.

ކަށަވަރުވެފައިވާ ގޮތުގައި ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަޙީދާއަކީވެސް މި ނިންމުން ނިންމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އޭނާއަށް ނުފޫޒު ފޯރުވީ އޭނާގެ ދޮން ބޭބެ އަދި ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލަތް)އެވެ.

މި ހުރިހާ ފަރާތްތަކެއް މެދުވެރިކޮށް އުސޫލު ބަދަލުކޮށް ކޭބަލް ޓީވީގެ ވިޔަފާރި މީޑިއާ ނެޓުގެ އަތްމައްޗަށް ކަހައިލީ އެ ކުންފުންޏަށް އެކަނި މުޅި ވިޔަފާރިދީ ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ގޮތުންކަމަށް މިކަމުގެ ކަންކަން އެނގިވަޑައިގަންނަވާ ބައެއް ބޭފުޅުން ތުހުމަތުކުރައްވައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!