ރިޔާސީ ކެނޑިޑޭޓަކް ކަނޑައަޅާނީ ޕްރައިމަރީން: އެމްޑީޕީ
ދެންމެ | 10 އޯގަސްޓް 2022
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށާއި ކޮންގްރެސްއަށް އެކަމާއި ގުޅޭ އިސްލާހެއް ހުށަހެޅިފައިނުވާކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް މިމަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ގިނަ ބަޔަކު ހިތުގައި އޮތް އެންމެ ބޮޑު ސުވާލަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކާއި މެދުއެވެ. ބައެއް ފަރާތަކުން ލަފާކޮށްގެން ތިބީ ކޮންގްރެސްގައި އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނާ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގެ މާއްދާއަށް އިސްލާހުތަކެއް އަންނާނެކަމަށެވެ.

އެމްޑިޕީގެ ކޮންގްރެސްއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން (އިދާރީ) އަދި ކޮންގްރެސް ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ، ޕާޓީގެ އަސާސީ ގަވާއިދަށް ޕްރައިމަރީއާ ގުޅޭ ގޮތުން އިސްލާހެއް ހުށަހެޅިފައި ނުވާ ކަމަށެވެ. އެހެންކަމުން އަސާސީ ގަވާއިދު މިހާރު އޮތް ގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުންކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށްވާއިރު އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ޝައުގުވެރިކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި ރައީސް ނަޝީދު ވަނީ ފާޅުކުރައްވާފައެވެ.

މިމަހުގެ 19 ގައި ސޯޝަލް ސެންޓަރުގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ކުރިއަށްދާނެ ކަންކަމުގެ ތެރޭގައި އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމާއި، ކުރިއަށް އޮތް ތަނުގައި އެމްޑީޕީން ހަރަކާތްތެރިވާނެ ގޮތުގެ ހުށަހެޅުންތައް ހުށަހެޅުން ހިމެނެއެވެ.

މީގެއިތުރުން ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާއި ގުޅޭ ހުށަހެޅުންތަކެއް ކޮންގްރެސްއަށް ހުށަހަޅުއްވާނެކަަމަށް އެމްޑިޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަމާބެހޭ އިތުރު ތަފުސީލެއް ފަހުން ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!