ސަލްމާން ރުސްދީ 15 ތަނަށް ވަޅި ޖެހީ 20 ސިކުންތުން
ދެންމެ | 13 އޯގަސްޓް 2022

މުރުތައްދު ވެފައި ހުރި ސަލްމާން ރުޝްދީއަށް އެމެރިކާގެ ނިއުޔޯކްގެ އިންސްޓިއުޓެއް ތެރޭގައި މިރޭ ވަޅިން ހަމަލާދީ ވަރަށް ބޮޑަށް އޭނާ ޒަހަމްކޮށްލީ އެންމެ 20 ވަރަކަށް ސިކުންތު ތެރޭގައި ކަމަށް މަންޒަރުދުއް މީހުން ބުނެފިއެވެ.

ސަލްމާން ރުޝްދީގެ ތަގުރީރު ބަލަން ހާޒިރުވެ އިން މީހަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ސަލްމާން ރުޝްދީގެ ގަޔަށް ވަޅި ޖަހަން ހޭދަވި ކުޑަ ވަގުތުކޮޅުގެ ތެރޭގައި ކަމަކާއި ވިސްނާލެވޭ ވަރުވެސް ނުވި ކަމަށެވެ.

”އަހަރެން ހިތައް އެރި ކިހިނެއް ބާވައޭ މިވަނީ؟ ދެން ކަންކަން ސާފުވާންވީއިރު ވަޅި ޖަހައި ސަލްމާން ރުޝްދީ ވައްޓާލައިފި.“ އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ސަލްމާން ރުޝްދީއަށް ހަމަލާ ދިނީ ކަޅު ކުލައިގެ ޓީޝާޓެއް ލައިގެން ކަޅު މާސްކެއް އަޅައިގެން ހުރި މީހެކެވެ. ”އަހަރެމެން ފުރަތަމަ ހީކުރީ ސްޓަންޓެއް ކަމަށް މިއީ. މިލިޔުންތެރިޔާ އާއި ދެކޮޅު އެތައް ވާހަކަތަކެއް ދެކެވޭތީ ސްޓަންޓެއް ޖައްސަނީ ކަމަށް ހީކުރީ. އެކަމަކު ގޯހެއް ހިނގައިފިކަން ސިކުންތު ކޮޅެއްގެ ތެރޭގައި އެނގިއްޖެ.“ އޭނާ ބުންޏެވެ.

ހަމަލާ ދިނުމާއިއެކު ސެކިއުރިޓީން ގޮސް ހަމަލާ ދިން މީހާ ހިފެހެއްޓިއިރު 10 ނުވަތަ 15 ފަހަރު ސަލްމާން ރުޝްދީގެ ހަށިގަނޑަށް ވަޅި ޖަހައިފިއެވެ. އޭގެތެރެއިން އެއް ޒަހަމް ހުރީ ސަލްމާން ރުޝްދީގެ ކަރުގެ ކަނާތް ފަރާތުގައެވެ.

”އެސޯސިއޭޓެޑް ޕްރެސް“ އިން ބުނާ ގޮތުގައި ސަލްމާން ރުޝްދީ ޒަހަމްވެގެން ވެއްޓުމާއިއެކު ސިއްހީ އެހީތެރިން ވަގުތުން އޭނާއަށް އެހީތެރިވާން ފެށިއެވެ. ހިތައް ލޭ ދައުރު ކުރުން އިތުރު ކުރުމަށް ސަލްމާން ރުޝްދީގެ ފައި ކުރު ކުރުވައިގެން ސިއްހީ އެހީތެރިން ތިބި މަންޒަރު އެތަނުގައި ހުރި ނޫސްވެރިޔާ އަށް ވަނީ ފެނިފައެވެ.

ސަލްމާން ރުޝްދީގެ ހާލު ސީރިއަސްކަމެއް ނުވަތަ ނޫން ކަމެއް ވެސް އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ހަމަލާ ދިން ވަގުތު އޭނާ މަރުވެފައި ނުވާކަމަށް ނިއުޔޯކްގެ ގަވަރުނަރު ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ.

އުމުރުން 75 އަހަރުގެ ސަލްމާން ރުޝްދީއަކީ ކީރިތި ޤުރުއާނާއި އިސްލާމް ދީނާއި، މާތް ރަސޫލާއަށް ފުރައްސާރަކޮށް ”ސެޓަނިކް ވާސަސް“ ގެ ނަމުގައި ފޮތެއް ނެރުނު އިންޑިއާގެ ލިޔުންތެރިއެކެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!