ލިވާތަކީ ބިރުވެރިކަމެއް ނޫންނަމަ ސަދޫމް ބަންޑުން ޖައްސަވައި އަލިފާނުގެ ވާރޭ ނުވެއްސެވީސް: ޑރ. މޫސާ
ދެންމެ | 14 އޯގަސްޓް 2022

ލިވާތު ކުރުމަކީ އެހެން މީހަކަށް ނުރައްކާވާ ކަމެއް ނޫންނަމަ، ސަދޫމްގެ މައްޗަށް އޮތް ފުށް ވަތަށް އޮތް ފުށްކަމުގައި ލައްވައި އެއުރެން ހަލާކު ނުކުރެއްވީސްކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ކުރީގެ މެންބަރު ޑރ.މޫސާ އަންވަރު ޙުސައިން ވިދާޅުވެއްޖެއެވެ.

ޑރ. މޫސާ އަންވަރު މިފަދައިން ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ބަންދުން ދޫކޮށްލުމާއި ގުޅިގެން އާއްމުން ކަނބޮޑުވުން ފާޅުކުރަމުންދަނިކޮށް، އެފަދަ ފާހިޝް ޢަމަލުތަކަކީ އެހެން މީހަކަށް ނުރައްކާވާ ކަމެއް ނޫން ކަމަށްބުނެ އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ.

އެގޮތުން އިބުރާ އަށް ރައްދު ދެއްވައި ޑރ.މޫސާ އަންވަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލިވާތު ކުރުމަކީ އެހެން މީހަކަށް ނުރައްކާވާ ކަމެއް ނޫންނަމަ، ކީރިތި ޤުރްއާނާއި ރަސޫލާ ﷺ ގެ ސުންނަތުގެ ޞަރީޙަ ނައްޞުން އެކަން ކުރާ ދެ މީހުންނަށް ބޮޑުވެގެންވާ ޢަޒާބު ހުރިކަން ބަޔާން ނުކުރެއްވީސް ކަމަށެވެ.

ހަމައެހެންމެ އެކަން ކުރަމުން ދިޔަ ޤައުމު (ސަދޫމް) ގެ މައްޗަށް ހަތް ރެޔާއި، އަށްދުވާ ވަންދެން ވިދިވިދިގެން ގަދަފަދަ ފިނިވައެއް ފޮނުއްވައި، އެއުރެން ހަލާކު ވެސް ނުކުރެއްވީސް ކަމަށެވެ.

”އަދި އެ ރަށުގެ، މައްޗަށް އޮތްފުށް ވަތަށް އޮތްފުށް ކަމުގައި ލައްވައި، އަލިފާނުން ދޮންކުރައްވާފައިވާ މަށީގެ ހިލައިގެ ވާރޭ އެއުރެންގެ މައްޗަށް ނުވެއްސެވީހެވެ.“ ޑރ. މޫސާ އަންވަރުގެ ޕޯސްޓުގައި ލިޔެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!