ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ސިނގިރޭޓު ކޮންޓެއިނަރު ނެގި މައްސަލައިގައި ހައްޔަރުކުރި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ފުލުހުން ބުނީ ދިގަލި ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.
މި މައްސަލައިގައި އިއްޔެގެ ވަގުތެއްގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެ ތިން މީހުންނަކީ ނޫރަލީގެ / ހދ.ވައިކަރަދޫ، އަޙްމަދު ޝަހީމް (42އ) އާއި ޗާނދަނީގެ / ސ.ހިތަދޫ، ޙުސައިން ސާމިޙު (35އ) އާއި ހ. ރުމޭނިޔާ / މާލެ، އަޙްމަދު ފިރުސާން (35އ) އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އަޙްމަދު ޝަހީމާއި ޙުސައިން ސާމިޙު 7 ދުވަހަށް ބަންދު ކުރުމަށް އަދި އަޙްމަދު ފިރުސާން 5 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ގެންދިޔަ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ނުވަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެތެރޭގައި މަޝްހޫރު ލޮޓަސްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލްގެ އިތުރުން ކޮންޓެއިނަރުތައް ގެންދިޔަ ކަމަށް ތުހުމަތު ކުރެވޭ ބޯޓުގެ ކެޕްޓަން ވެސް ހިމެނެ އެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، މި މަހުގެ 19 ވަނަ ދުވަހު ތިލަފުށީގައި ހިނގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަންގެ ތެރެއިން، ވަގަށް ނަގާފައިވާ ދެ ކޮންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ގެއްލިފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ސިނގިރޭޓު ކޭސްތައް ފެނުނީ ޕްލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.



