ހައުސިން މިނިސްޓްރީގެ އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަތައް ބެލުމަށް ފުލުހުންނަށް އަންގައިފި
ދެންމެ | 07 ސެޕްޓެމްބަރ 2026

ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ގާތް ގުޅުމެއް އޮންނަ ބޭފުޅަކު ކުރެއްވި ކަމެއް ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުއްގައްޔޫމް ކުރެއްވި ތުހުމަތުތަކާ ގުޅިގެން، އެމަނިކުފާނު އަތްޕުޅުގައި ހުރި މައުލޫމާތުތައް ހޯދުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ފުލުހުންނަށް އަންގަވައިފިއެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ”ގްރީން ބިލްޑިންގ“ ގައި އަލިފާން ރޯކޮށްލީ ކާކުކަމާއި، އެއީ ރައީސް މުއިއްޒާ ކިހާ ވަރެއްގެ ގާތް މީހެއްކަން ފުލުހުންނަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި އެ ހާދިސާގެ ހެކި ފުލުހުންގެ އަތުގައި ހުރި ނަމަވެސް، ފިޔަވަޅު އަޅަން ބޭނުންނުވަނީ ކަމަށްވިދާޅުވެ، އެއީ މުހިންމު ހެކިތަކެއް ނައްތާލުމުގެ މަގުސަދުގައި ގަސްތުގައި ދިން ހަމަލާއެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

މި ތުހުމަތުތަކަށް ރައްދު ދެއްވައި ހޯމް މިނިސްޓަރު އަލީ އިހުސާން ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ތިން ވުޒާރާއެއް ހިންގި އެ އިމާރާތުގައި އަލިފާން ރޯވާންޖެހުނީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަން ދިވެހި ފުލުހުންނާއި ބޭރުގެ މާހިރުން ގުޅިގެން ކުރި ތަހުގީގުން ސާބިތުވެފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ޖިނާއީ ތުހުމަތެއް ކުރެވޭފަދަ ހެކިތަކެއް ފެނިފައިނުވާކަމަށް ފުލުހުން މައުލޫމާތު ދީފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންނަމަވެސް، ރައީސް ޔާމީން އެފަދަ ތުހުމަތެއް ކުރައްވާފައިވާތީ، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ސާފުކޮށް، ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަމެއް އޮތްތޯ ބެލުމަށް ފުލުހުންގެ ހިދުމަތުގައި އެދިވަޑައިގެންފައިވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އޭގެ އިތުރުން، ފުލުހުންގެ މައްޗަށް ކުރެވުނު ތުހުމަތުތައް މިނިވަންކަމާއެކު ތަހުގީގުކުރުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށްވެސް ހުށަހަޅުއްވާފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، 12 ޑިސެމްބަރު 2024 ގެ ހެނދުނު 06:00 ހާއިރު އަމީނީ މަގުގައި ހުންނަ އެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ރާއްޖޭގެ ތާރީޚުގައި ސަރުކާރުގެ އިމާރާތެއްގައި ހިނގި އެންމެ ބޮޑު އެއް ހާދިސާއެވެ. އެ އިމާރާތުގައި ހައުސިން މިނިސްޓްރީގެ އިތުރުން އިންފްރާސްޓްރަކްޗާ މިނިސްޓްރީ، އެންވަޔަރަންމަންޓް މިނިސްޓްރީ، އީޕީއޭ އަދި މާލޭ ސިޓީ ކައުންސިލްގެ ބައެއް ސެކްޝަންތައް ހިންގަމުންދިޔައެވެ.

މި ހާދިސާގައި ބޯހިޔާވަހިކަމާ ގުޅޭ މުހިންމު ލިޔެކިޔުންތަކާއެކު ދައުލަތުގެ ގިނަ އަދަދެއްގެ ރެކޯޑުތައް ވަނީ އަނދައި އަޅިއަށްވެފައެވެ. އެ ހާދިސާއާ ގުޅޭ މައުލޫމާތުތައް އެކަށީގެންވާ ގޮތެއްގައި އާންމުކޮށްފައިނުވާތީ، އެއީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ބުނެ އާންމުންގެ މެދުގައި ބޮޑެތި ޝައްކުތަކާއި ސުވާލުތައް އުފެދިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!