އެމްޑީޕީ ކޮންގްރެސް ފަސްކުރުމަށް އާޒިމް ހުށަހަޅައިފި
ދެންމެ | 18 އޯގަސްޓް 2022

މާދަމާ ފަށަން ހަމަޖެހިފައިވާ، އެމްޑީޕީގެ ކޮންގްރެސްއަށް އެ ޕާޓީގެ ގޮފިތަކުން ނޮމިނޭޓް ކޮށްފައިވާ މަންދޫބުންގެ ގާނޫނީ ހައިސިއްޔަތު ކަށަވަރު ކުރުމަށްފަހުގައި މެނުވީ ކޮންގްރެސް ކުރިއަށް ނުގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލަށް އާޒިމް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން، ޕާޓީގެ އެންމެ އިސް ގުނަވަނަކީ ކޮންގްރެސް ކަމަށާއި އަދި ކޮންގްރެސްގެ ކޮމްޕޮސިޝަން އެކުލަވާލެވިފައިވާ ގޮތަށް ރިއާޔަތްކުރާއިރު، ގޮފިތަކުގެ ރައީސުންނަށް ކޮންގްރެސްގައި ވޯޓިންގ ޑެލިގޭޓުންގެ ގޮތުގައި ތަމްސީލުކުރުމުގެ ފުރުސަތު ދެވިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ގޮފިތަކުގެ ހިންގާ ކޮމިޓީ އެކުލަވާލަން ޖެހޭނީ ގަވާއިދުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އިންތިހާބެއް ބޭއްވުމަށްފަހު ކަމަށާއި، ކޮންގްރެސްގައި ގޮފި ތަމްސީލުކުރާ ގޮފީގެ ރައީސް ނުވަތަ ނައިބް ރައީސް ވާންޖެހޭނީ އިންތިހާބު ކުރެވިފައިވާ ފަރާތެއްކަން ސާފުވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މާދަމާ ކޮންގްރެސް ފަށަން ތައްޔާރުވެފައި ވާއިރު، ކޮންގްރެސްއަށް ގޮފިތަކުން ނޮމިނޭޓް ކޮށްފައިވާ ގިނަ މަންދޫބުންނަކީ ގޮފީގެ ގަވާއިދާ އެއްގޮތަށް އިންތިހާބު ވެފައިވާ ފަރާތްތައް ނޫން ކަމަށެވެ.

އަދި ގޮފިތަކުން ކޮންގްރެސްގައި ތަމްސީލުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށްފައި ނުވާކަމަށާ އެހެންކަމުން، އެފަރާތްތައް މި ކޮންގްރެސްގައި ބައިވެރިވެއްޖެ ނަމަ، ކޮންގްރެސްގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެއްދުމަށް ޖާގަ ދެވިގެންދާނެ ކަމަަށްވެސް އާޒިމްގެ ސިޓީގައި ވެއެވެ.

އެހެން ކަމުން، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސްއަށް ނޮމިނޭޓް ކޮށްފައިވާ ގޮފިތައް ތަމްސީލުކުރާ މަންދޫބުންގެ ގާނޫނީ ހައިސިއްޔަތާމެދު އެޕާޓީއަށް ނިސްބަތްވާ ގިނަ މެމްބަރުންގެ މެދުގައި ކަންބޮޑުވުން ފާޅުކުރަމުންގެންދާތީވެ، ގޮފިތަކުން ކޮންގްރެސްގައި ބައިވެރިވާ ރައީސުން ނުވަތަ ނައިބު ރައީސުންގެ ގާނޫނީ ހައިސިއްޔަތު ކަށަވަރު ކުރުމަށްފަހު ނޫނީ ކޮންގްރެސް ކުރިއަށް ނުގެންދިއުމަށް އާޒިމް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން، ކޮންގްރެސް އަށް ގޮފިތަކުން ހުށަހަޅުއްވާފައިވާ މަންދޫބުން އިންތިހާބު ކުރި ގޮތާއި އެ މަންދޫބުންގެ ތަފްސީލު ހިމެނޭ ލިސްޓު ހިއްސާ ކޮށްދެއްވުމަށް ވެސް އާޒިމް ވަނީ އެދިވަޑައިގެންފައެވެ.

އާޒިމް މިފަދައިން އެދިވަޑައިގެންނެވިއިރު، މާދަމާގެ ކޮންގްރެސްއަށް ގިނަ ތައްޔާރީތަކެއް އެމްޑީޕީން ވަނީ ވެފައެވެ. އަދި އަތޮޅު ތެރޭން މާލެ އަންނަ ގިނަ ވަޔަކު މިހާރުވަނީ މާލެ ވެސް އައިސްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!