ހުޅުމާލެއިން ވިއްކާ ގޯތީގެ ފެށޭ އަގު 16 މިލިޔަނަށް ވުރެ މަތިން އިއުލާން ކޮށްފި
ދެންމެ | 19 އޯގަސްޓް 2022

ހުޅުމާލެއިން 74 ގޯތި ވިއްކުމަށް އެޗްޑީސީން ބީލަމަށް ހުޅުވާލައިފިއެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައިވާ ގޮތުން މިފަހަރު ވިއްކަނީ 1،095.05 އަކަފޫޓާއި 2،588.14 އަކާފޫޓާ ދެމެދުގެ 74 ބިމެވެ. އޭގެ ތެރޭގައި ހިމެނެނީ ބީޗު ފްރަންޓުން 22 ބިމަކާއި ބީޗް ސައިޑުން 52 ބިމެކެވެ.

74 ބިމަށް ބީލަމަށް ހުޅުވާލާފައި އޮތްނަމަވެސް އެ ބިންތައް ދޫކުރަނީ ކޮން ސަރަހައްދަކުންކަމެއް ނޭނގެއެވެ. ބެލެވޭ ގޮތުގައި އެ ބިންތައް ދޫކުރަނީ ދެވަނަ ފިޔަވަހީގެ ކޮންމެވެސް ހިސާބަކުންނެވެ.

އެޗްޑީސީން ބުނީ ކޮންމެ މީހަކަށް ވެސް ގަނެވޭނީ އެންމެ ބިމެއް ކަމަށެވެ. ބީލަމުގައި ބައިވެރިވުމަށް އެންމެ ކުޑަ އަގެއްގެ ގޮތުގައި ބީޗު ފްރަންޓުން އަކަފޫޓަކަށް 6،500ރ އަދި ބީޗު ސައިޑުން އަކަފޫޓަކަށް 5،500ރ ހުށަހަޅަންޖެހެއެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 1 މިލިއަން ރުފިޔާ ބަހައްޓަންޖެހޭނެއެވެ.

އެޗްޑީސީން ބުނީ އެ ބިންތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ 1 ވަނަ ދުވަހާ ހަމައަށް ފޯމު ވިއްކާނެ ކަމަށެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ މަހު 11 އަދި 12 ވަނަ ދުވަހުކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ވަނީ މި އަހަރު ފެބްރުއަރީ މަހުވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިމެއް ބީލަމުގައި ވިއްކާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!