’ޓިނު އަދުރޭ‘ އަށް ގޮވި މައްސަލައިގައި މުސްތަފާއަށް ފިޔަވަޅު އެޅުމަށް އަދުރޭ ހުށަހަޅައިފި
ދެންމެ | 26 އޯގަސްޓް 2022

’ޓިނު އަދުރޭ‘ އަށް ގޮވި މައްސަލައިގައި ރައީސް ޔާމީންގެ ޗީފް އޮފް ސްޓާރފް އަހުމަދު މުސްތަފާއަށް ފިޔަވަޅު އެޅުމަށް އަބުދުއް ރަހީމް އަބުދުﷲ (އަދުރޭ) ހުށަހަޅައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ކުޑައިރުކޮޅެއް ކުރިން ބޭއްވި ބައްދަލުވުމުގައި އަދުރޭ އާއި އަދުރޭގެ ޓީމުން ވަނީ މުސްތަފާއަށް ފިޔަވަޅު އެޅުމަށް ރައީސް ޔާމީނަށް ދަންނަވާފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މުސްތަފާ ގެންދަވަނީ ޓުވީޓް ޑިލީޓް ކުރުމަށް ވެސް ދެކޮޅު ހައްދަވަމުން ނެވެ.

މި ބައްދަލުވުމުގައި ހިމެނި ވަޑައިގެންނެވީ ޕީއެންސީގެ ނާއިބު ރައީސުން ކަމުގައިވާ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުއާއި، މާލޭ ސިޓީ ކައުންސިލް މެމްބަރު އިބުރާހިމް ޝުޖާއާއި، ޕީޕީއެމްގެ ސެނެޓްގެ މެމްބަރު މުހައްމަދު ހުސެއިން ޝަރީފްއާއި، ޕީޕީއެމްގެ ނާއިބު ރައީސް އައްސާން މައުމޫންއާއި، ޕީއެންސީގެ ރައީސް އަދި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ޖޮއިންޓް ކައުންސިލްގެ ކޯ ޗެއަރ އަބުދުއްރަހީމްއެވެ.

ރައީސް ޔާމިން ކުއްލި ގޮތަކަށް ދެ ޕާޓީގެ ލީޑަރޝިޕާއި ބައްދަލު ކުރެއްވިއިރު، ރައީސް ޔާމިންގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްކަން ކުރެއްވި އަދި ރައީސް ޔާމީންގެ އެންމެ އަރިސް އަހުމަދު މުސްތަފާ، ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ޖޮއިންޓް ކައުންސިލްގެ ކޯ ޗެއަރ އަބުދުއްރަހީމަށް ނިސްބަތްކޮށް ކޮށްފައިވާ ޓުވީޓެއްގެ ސަބަބުން ޕީޕީއެމްގެ ސެނެޓްގައި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނު ވެފައެވެ.

ނަމާދުގެ އަޑު ނީވޭގޮތަށް ހަދަން މިސްކިތްތަކަށް އިސްލާމިކް މިނިސްޓްރީން އެންގިކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ޚަބަރަށް ނިސްބަތްކޮށް މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ”މިފަހަރު މިއޮތީ އެ އުޅޭ ޓިނު އަދުރޭގެ ހިސާބު ދިމާވެފަ!“ ކަމުގައެވެ. މުސްތަފާގެ ޓުވީޓުގައި ވިދާޅުވީ، މި ވެރިކަމުގައި ބަންގީގެ އަޑު ކެނޑޭނެކަމަށް އަަދުރޭ ވިދާޅުވެފައިވާކަމަށާއި، މި ސަރުކާރުގެ އަމާޒު ހުރީ އެ ދިމާލަށް ކަމުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްގެ ސެނެޓްގައި މައްސަލަ ހޫނުވެފައިވަނީ، ޓުވީޓުގައި މުސްތަފާ އަބުދުއްރަހީމަށް ”ޓިނު އަދުރޭ“ގެ ނަމުން މުޚާތަބުކުރުމާއި ގުޅިގެންނެވެ. އަދި މި ހިންހަމަނުޖެހުންތަކުގައި ސެނެޓްގެ ވައިބަރ ގުރޫޕުގައި ގިނަ މެމްބަރުންގެ ފާޑުކިއުން މުސްތަފާއަށް ވަނީ އަމާޒު ވެފައެވެ.

ގުޅުންހުރި ލިޔުންތައް