ހަ ދުވަހު މަހުލޫފް ހައްޔަރުކޮށްފައި ހުރީ ގޯސްކޮށް: އެންއައިސީ
ދެންމެ | 27 އޯގަސްޓް 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޯޓުން ކުރި ހުކުމުގެ މުއްދަތު ހަމަވުމުން މިނިވަން ނުކޮށް އިތުރު ހަ ދުވަސް ވަންދެން މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ބަންދުގައި ބަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އިން ކަނޑައަޅައިފިއެވެ.

ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާއެއް ސާބިތުވެ 11 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.

ކްރިމިނަލް ކޯޓުން ކޮށްފައިވާ އެ ހުކުމަށް ބަލާއިރު ދެ ދައުވާގެ ހުކުމް ތަންފީޒުކޮށް މަހްލޫފް ޖޫން 3، 2017 ގައި މިނިވަން ކުރަންޖެހެއެެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނިންމި ނިންމުމުގައި ބުނެފައިވަނީ އޭނާ ޖަލު ބަންދުން މިނިވަންކުރީ ހުކުމްގެ މުއްދަތު ހަމަވުމުން އިތުރަށް ހަ ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ކަމަށެވެ.

ގާނޫނާ ގަވައިދާ ހިލާފަށް ޖަލުގައި ބެހެއްޓި މައްސަލަ ބަލައިދިނުމަށް މިނިސްޓަރު މަހްލޫފް އެންއައިސީއަށް ހުށައަޅުއްވާފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރަކަށް ހުރި ދުވަސްވަރު އެވެ.

އެންއައިސީގެ ނިންމުމާ ގުޅިގެން ބަދަލު ހޯދުމަށް ދައުވާ ކުރުމާ މެދު މަހްލޫފް އަދި ވަކި ގޮތެއް ނުނިންމަވައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!