5 އަހަރު ގުއި ރެވުމަށް ފަހު ބުރި ނުދޮވެ، މާރިޔާ އެހެން މީހުންނަށް ބަވަން ފަށައިފި
ދެންމެ | 11 އޯގަސްޓް 2023

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް،ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފިޔަވައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެހެން އެއްވެސް ކެންޑިޑޭޓަކު ރައްޔިތުންގެ ވާހަކަ ދައްކަވައި ރައްޔިތުންނާއި މެދު ވިސްނަވާ ނުހައްދަވާ ކަމަށް އެމަނިކުފާނު ކެންޕެއިން ތަރުޖަމާނު، އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހުގެ ކެންޕެއިން ތަރުޖަމާނުގެ ފަރާތުން މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވަނީ ވާދަވެރި ކެންޑިޑޭޓުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން، ވިދާޅުވީ، އިދިކޮޅު އެންމެ ބޮޑު ކޯމިޝަން، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް ދައްކަވަނީ އެ ކޯލިޝަންގެ ލީޑަރ އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވާހަކަ ކަމަށެވެ. މާރިޔާ ވިދާޅުވީ މުޢިއްޒުގެ ވާހަކަފުޅުން އޭނާ ހާމަކޮށްދޭން ބޭނުންވަނީ ރައީސް ކަމަށް ކުރިމަތިލެއްވީވެސް ރައީސް ޔާމީން އަށްޓަކައި ކަމަށް ވަރަށް ބޮޑަށް ދޭހަވާ ކަމަށެވެ. އެހެންކަމަށް ވާނަމަ ”ރައްޔިތުން ކޮބައިތޯ؟“ މާރިޔާ ވަނީ ސުވާލު ކުރައްވާފައެވެ.

އެއަށްފަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ނަން ނުގެންނަވައި، އޭނާއަށް ފާޑުވިދާޅުވަމުން މާރިޔާ ވަނީ، ގާސިމަކީ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިހާބު ކުރެއްވުމުން މަޖިލީހަށްވެސް ހާޒިރުނުވާ ބޭފުޅެއް ކަމަށެވެ.

ދެން އުޅުއްވާ ކެންޑިޑޭޓުންވެސް އަޅުގަނޑުމެންނަށް މި ފެންނަނީ ފަސްވަރަކަށް އަހަރަށް ރައްޔިތުން އިންތިޚާބުކުރީމާ މަޖިލީހުގެ ހާޒިރީ ރިކޯޑަށް ބަލާލެއްވީމާ އެނގޭނެ ބައެއް ކެންޑިޑޭޓުންގެ މަޖިލީހަށް ހާރިޒުވެ ތިއްބެވި (އަދަދު). ރައްޔިތުންގެ މަތިން ފަސް އަހަރު ވަންދެން ހަނދުމަފުޅު ނެތިފައި ހުންނަވާފައި، ކުއްލިއަކަށް ނުކުމެވަޑައިގެން ވިދާޅުވާތަން މިފެންނަނީ. ރައްޔިތުން ބުނެފިއްޔާ ކޮންމެ ކަމެއްވެސް ކުރަންޖެހޭނެއޭ. ދެން ކީކޭ ދަންނަވާނީ. ނެތިން އަޅުގަނޑު އެއްޗެކޭ ދަންނަވާކަށް.

މީގެ އިތުރުން ވެސް މާރިޔާ ވަނީ ގާސިމްގެ މެނިފެސްޓޯ ގައި ހިމެނޭ ގިނަ ކަންކަމަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ފަނޑިޔާރުގެތައް އަލުން އަޅުއްވައި، ރައީސުންނާއި ނާއިބު ރައީސުންގެ ގެކޮޅު އަޅުއްްވައި، ފަނޑިޔާރުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް މެނިފެސްޓޯ ގައި ހިމެނިފައިވާ ކަން ފާހަގަކުރައްވައި މާރިޔާ ވަނީ އޭގައި ރައްޔިތުންގެ ވާހަކަ މާބޮޑަށް ހިމެނިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

ގާސިމަށް ފާޑުވިދާޅުވެ ނިންމަލެއްވުމަށްފަހު މާރިޔާ ވަނީ، އެމްޑީޕީީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ރޫޅާލައްވާނެ ވިދާޅުވެފައި ވާތީ, ޑިމޮކްރެޓްސް އިން ކުރަމުންދަނީ ވަރަށް ”ޑިސްޓްރަކްޓިވް“ ކެންޕެއިނެއް ކަމަށް ވިދާޅުވެ އެ ޕާޓީއަށް ވެސް ފާޑުވިދާޅުވެފަ އެވެ.

އެއާއެކު މާރިޔާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފިޔަވައި ރައްޔިތުންގެ ވާހަކަ ދައްކަވާ އެއްވެސް ކެންޑިޑޭޓަކު ނެތް ކަމަށް ވިދާޅުވެފައެވެ.

”ކިތަންމެ ބޭފުޅުން ކިތަންމެ ގޮތަކަށް ވާހަކަދައްކަވާ ނަމަވެސް، ރައްޔިތުންގެ އެޖެންޑާގައި ނުކުމެތިބީ ހަމައެކަނި އެމްޑީޕީކަން ދަންނަވާލަން ޖެހޭ“ މާރިޔާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!