ބަނގުރާ ބުއި މީހެއްގެ ބުރީ ދުއްރައިން ތަޅަން ހުކުމް ކޮށްފި
ދެންމެ | 29 އޯގަސްޓް 2022

ބަނގުރާ ބުއި މީހަކު ނުވަ ދުވަހަށް ޖަލައި، އޭނާ ގައިގައި ދުއްރައިން 40 އެތިފަހަރު ޖެހުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ހުކުމް ކުރީ ޑިސެމްބަރު، 2021، ގައި މާލެއަށް ބަނގުރާ އެތެރެން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މާލޭ ކަސްޓޯޑިއަލް ކައިރިން ފަޅު ތެރެެއިން ހައްޔަރު ކުރި މީހެއްގެ މައްޗަށެވެ.

އެ މައްސަލައިގައި، ތ. ކިނބިދޫއަށް ނިސްބަތްވާ އެ މީހާ ހައްޔަރު ކުރުމުން އޭނާއަކީ ”ދޭތެރެއަކުން ބަނގުރާ ބޯ މީހެއް“ ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލައިގައި ޝަރީއަތަށް ހާޒިރު ކުރުމުން ވެސް ފުލުހުން ކުރާ ތުހުމަތަށް ދައުވާ ލިބޭ ފަރާތުން އެއްބަސްވި އެވެ.

އެ މައްސަލައިގައި އޭނާއަށް ދެވޭ އަދަބު ޖޫރިމަނާއަކަށް ބަދަލު ކުރުމަށް ދައުވާ ލިބޭ ފަރާތުން އެދުނެވެ. ނަމަވެސް ޝަރީއަތުން ނިންމީ އެގޮތަށް ނުހެދޭނެ ކަމަށެވެ. އެކަމަކު ކުށަށް އިއުތިރާފުވެފައިވާތީ ޖަލު އަދަބު ވަނީ އެއް މަހާއި ހަ ދުވަހުން ނުވަ ދުވަހަށް ލުއިކޮށްދީފަ އެވެ.

”މި ކުށަށް ކަނޑައެޅޭ ޖަލު އަދަބުގެ އިތުރުން 40 އެތިފަހަރުން ޖަލްދުކުރުމުގެ އަދަބު ކަނޑައަޅަންޖެހޭ،“ ފަނޑިޔާރު އަލީ ނަދީމް ކުރެއްވި ހުކުމުގައި ވިދާޅުވެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!