ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުން ނިމުމަކާއި ގާތް ވެއްޖެ
ދެންމެ | 20 ޖެނުއަރީ 2026

ދޮޅުމަސް ދުވަހުގެ ތެރޭގައި ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ގާތްގަނޑަަކަށް އެއްކޮށް ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ހާމަކޮށްފި އެވެ.

އެމްއޭސީއެލުން ބުނީ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިއަދާ ހަމައަށް 62 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ. އެއީ ހިއްކަންޖެހޭ ސަރަހައްދުގެ 98 އިންސައްތަ އެވެ.

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

ފޭސް 3 ހިއްކުމުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު، މިހާރު ބޭނުންކުރާ ބޮޑެތި ޑްރެޖަރުތައް ދެން މިސްރާބު ޖަހާނީ ގުޅިފަޅު ހިއްކުމުގެ މަސައްކަތަށެވެ. މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމީކޮށް ޙައްލު ކުރުމަށްޓަކައި ސަރުކާރުން ދަނީ ރަސްމާލެ، ގިރާވަރުފަޅު، އުތުރު ތިލަފަޅު އަދި ގުޅިފަޅު ހިއްކުމުގެ ބިޔަ މަޝްރޫއުތަކެއް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!