އަންހެން ވަކީލަކު ފިރިހެން ވަކީލެއްގައި ކޮއްޓާ ހީ ސަކަރާތް ޖަހާތީ ގާޒީ އިންޒާރު ދެއްވައިފި
ދެންމެ | 07 ސެޕްޓެމްބަރ 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި ދައުލަތުގެ ވަކީލުން ސަކަރާތް ޖަހާތީ އެކަން ތަކުރާރުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް މިއަދު ދެއްވައިފި އެވެ.

އާރަށުގެ މައްސަލައިގައި ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ އިސް ގާޒީ ޝަކީލް އެ ގޮތަށް އިންޒާރު ދެއްވީ ދިފާއީ ވަކީލުން ވާހަކަ ދައްކަމުން ދިޔައިރު ވަކީލުން ހީ ހެދުމުންނެވެ.

އިސްގާޒީ ޝަކީލް ވިދާޅުވީ ޝަރީއަތުގެ މަޖިލީހަކީ ހީ، ސަކާރާތް ޖަހާ މަޖިލީހެއް ނޫން ކަމަށާއި ވަކީލުންގެ ގޮތުގައި ތިބެ އެކަން ތަކުރާރު ކުރާނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

”ދައުލަތުގެ ވަކީލުން، މިއީ ހީ ސަކަރާތް ޖަހާ މަޖިލީހެއް ނޫން އިނގޭތޯ. އެއް ބޭފުޅަކު އަނެއް ބޭފުޅަކު ކޮއްޓާ، ހީ ސަރަކާތް ޖަހާ މަޖިލީހެއް ނޫން މިއީ. އެފަދަ ކަމެއް ކުރައްވާ ނަމަ ޝަރީއަތުގެ މަޖިލީހުން ޖެހޭނީ އެ ވަކީލަކާ ދޭތެރޭގައި ފިޔަވަޅު އަޅާފައި، އެ ވަގުތަކު ޝަރީއަތުން އަމަލު ކުރަންޖެހޭ ގޮތަކަށް އަމަލުކުރަން“ އިސް ގާޒީ ވިދާޅުވި އެވެ.

މިއަދު ކުރިއަށް ގެންދިޔައީ ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހާޒިރުކޮށް، ހެކިބަސް ނެގުމެވެ. ހެކިބަސް ނަގަމުން ދިޔައިރު، ދައުލަތުގެ އެއް ވަކީލަކު، އަނެއް ވަކީލުގެ އަތުގައި ކޮއްޓައި، ހީ، ސަމާސާކުރާ މަންޒަރު ވަނީ ފެނިފަ އެވެ. އޭގެ ރެކޯޑިން ސޯޝަލް މީޑިއާ އަށް ދޫކޮށް، ބައެއް މީހުން ދަނީ ދައުލަތުގެ ވަކީލުންނަށް ފާޑުކިޔަމުންނެވެ.

ގުޅުންހުރި ލިޔުންތައް