ކައުންސިލަރުންގެ ކަރަޕްޝަން: އޭސީސީ ޓީމެއް ދުވާފަރުގައި
ދެންމެ | 07 ސެޕްޓެމްބަރ 2022

ރ. ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި ބައެއް މުއައްޒަފުން ހިމެނޭ ގޮތަށް ހިންގާފައިވާ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށާއި މިހާރުވެސް އެރަށުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޓީމެއް ހަރަކާތްތެރިވަމުންދާކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުންގެ އަމިއްލަ އެކައުންޓްތަކަށް ކައުންސިލްގެ ބަޖެޓުން ދެ މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ ޖުލައިމަހު ނެރުނު ރިޕޯޓެއްގައި ވަނީ ހާމަވެފައެވެ.

މިމައްސަލަ އޭސީސީން ބަލަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު އެ ކޮމިޝަނަށް ހުށަހެޅުމުންނެވެ.

އޭސީސީން ބުނީ މިހާރުވެސް ދުވާފަރުގައި އޭސީސީގެ ތަހުގީގީ ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މިދިޔަ މަހުގެ 25 ގައި ވެސް އެ ކޮމިޝަންގެ ޓީމެއް އެ ރަށަށް ގޮސް އެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބަލައި، ދިރާސާކުރުމުގެ އިތުރަށް ތަހުގީގަށް ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކޮށްފައިވާ ކަމަށްވެސް އޭސީސީން ބުނެއެވެ.

އެލްޖީއޭއިން އެކުލަވައިލި ހާއްސަ ރިޕޯޓްގައި ބުނެފައިވަނީ ދުވާފަރު ކައުންސިލާއި ޑަބްލިއުޑީސީން މާލިއްޔަތު ގަވައިދާއި ސިވިލް ސާވިސް ގަވައިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މާލީ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ނުބެލެހެއްޓުމާއި މެމްބަރުންގެ އަމިއްލަ އެކައުންޓަށް ލިޔެކިޔުމެއް ނެތި ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި އެއްވެސް ހުއްދައެއް ނެތި ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައެއް މުވައްޒަފުންނަށް ވެސް ނަގުދު ފައިސާ ބަހާފައިވާކަން ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

މިމައްސަލަތަކާއި ގުޅިގެން އެލްޖީއޭއިން މިހާރު ވަނީ ދުވާފަރު ކައުންސިލްގެ އިންކްއަރީއެއް ވެސް ފަށާފައެވެެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!