އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ އެއަރޮސްޕޭސް ފޯސްގެ ކޮމާންޑަރު ވިދާޅުވި ގޮތުގައި، އިޒްރޭލުގެ ދިފާއީ ނިޒާމުތަކަށް ނުހުއްޓުވޭނެ ފަދަ މިންވަރަށް އީރާނުގެ މިސައިލްތައް އެގައުމުގެ އުޑުމަތީގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިރޭ އިޒްރޭލުގެ ދެކުނުގެ ސަރަހައްދުތަކުގެ އުޑުމަތި ގަޑިއިރުތަކަކަށް ދިއްލިފައި އޮންނާނީ އީރާނުން ފޮނުވާލާ “އަލިގަދަ” މިސައިލްތަކާއި ޑްރޯންތަކުންނެވެ.
މި ބަޔާނުގެ މާނައަކީ އިޒްރޭލުގެ އެންމެ ޒަމާނީ ދިފާއީ ވަސީލަތްތަކަށް ވުރެ އީރާނުގެ ހަމަލާދިނުމުގެ ބާރު ގަދަވެ، އިޒްރޭލުގެ އުޑުމަތީގައި “ވަގުތުން ވަގުތަށް” ބޭނުން ކޮންމެ ތަނަކަށް ހަމަލާދިނުމުގެ ގާބިލުކަން އީރާނަށް ލިބިފައިވާ ކަމެވެ. ޑިމޯނާ ސިޓީއަށް މިސައިލް އަރައި، އެތައް ބަޔަކު ޒަޚަމްވެ އިމާރާތްތައް ސުންނާފަތިވުމަކީ މި ދައުވާއަށް ލިބޭ ބޮޑު ބާރެކެވެ.
މީގެ އިތުރުން، އީރާނުން މިރޭ ބޭނުންކުރާނެ ކަމަށް ބުނާ “އައު ޓެކްޓިކްސް” ތަކުގެ ތެރޭގައި އެމެރިކާއާއި އިޒްރޭލުގެ ލީޑަރުން ސިއްސުވާލާނެ ފަދަ ކަންތައްތަކެއް ހިމެނޭނެ ކަމަށް ވެސް ޖެނެރަލް މޫސަވީ ވަނީ ވިދާޅުވެފައެވެ. މިއީ މުޅި މެދުއިރުމަތީގެ އަސްކަރީ ބާރުގެ ތިލަފަތް އީރާނުގެ ކޮޅަށް ބުރަވެފައިވާކަން ދުނިޔެއަށް ދެއްކުމަށް ކުރާ މަސައްކަތެކެވެ.



