އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާންއާ އެކީގައި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށާއި ޓްރަމްޕް ފަހަތަށް ޖެހިފައިވާ ކަމަށް އީރާނުން ބުނެފިއެވެ.
ޓްރަމްޕް ބުނެފައިވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭގޮތުން އީރާނާ އެކު މިދިޔަ ދެ ދުވަހު ”ވަރަށް ރަނގަޅު އަދި ފައިދާހުރި“ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.
”ތަފްސީލީ، އަދި ބިނާކުރެނިވި މަޝްވަރާތަކުގެ ރޫހާއި ރާގުގެ މައްޗަށް ބިނާކޮށް މި މަޝްވަރާތައް މި ހަފުތާ ތެރޭގައި ކުރިއަށް ދާނެ. އީރާނުގެ ކަރަންޓު އުފައްދާ ތަންތަނާއި ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދޭ އެންމެހައި އަސްކަރީ ހަމަލާތައް ފަސް ދުވަހުގެ މުއްދަތަށް ފަސްކުރުމަށް ހަނގުރާމައާ ބެހޭ ޑިޕާޓްމަންޓަށް އަހަރެން ވާނީ އަންގާފައި، މިއީ ކުރިއަށްދާ ބައްދަލުވުންތަކާއި މަޝްވަރާތައް ކާމިޔާބުވުމުގެ މައްޗަށް ބިނާވެފައިވާ ކަމެއް،“ ޓްރަމްޕް ބުނެފައިވެއެވެ.
ނަމަވެސް އީރާނުގެ މީޑިއާއިން ބުނަނީ ޓްރަމްޕާ ސީދާ ނުވަތަ ނުސީދާ އެއްވެސް މުއާމަލާތެއް ކޮށްފައި ނެތް ކަމަށާއި ޓްރަމްޕް ފަހަތަށް ޖެހިފައިވާ ކަމަށެވެ.
އީރާނުގެ ފާސް ނޫސް އެޖެންސީން، ނަން ހާމަނުކުރާ އީރާނުގެ މަސްދަރަކާ ހަވާލާދީ ބުނާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ސީދާ އެއްވެސް މުއާމަލާތެއް ހިނގާފައި ނުވެއެވެ. އަދި މެދުވެރިއެއް މެދުވެރިކޮށް ވެސް އެފަދަ މަޝްވަރާއެއް ނުހިނގާ ކަމަށް އޭނާ ބުނެފައިވެއެވެ.
އެ މަސްދަރުން ބުނި ގޮތުގައި، ގަލްފު ސަރަހައްދުގެ އެކި ތަންތަނުގައި އާއި އިސްރާއީލުގައި ހުރި ހަކަތަ އުފައްދާ ތަންތަނަށް އީރާނުން ހަމަލާ ދޭނެ ކަމުގެ އިންޒާރު ދިނުމުން ޓްރަމްޕް ”ފަހަތަށް ޖެހުނީ“އެވެ.
އީރާންގެ ރަސްމީ މެހެރް ނޫސް އެޖެންސީން އީރާނުގެ ފޮރިން މިނިސްޓްރީގެ ބަޔާނަކާ ހަވާލާދީ ބުނީ އީރާނާއި އެމެރިކާއާ ދެމެދު އެއްވެސް މަޝްވަރާއެއް ނުހިނގާ ކަމަށެވެ. ޓްރަމްޕްގެ ހަކަތައިގެ އަގުތައް ދަށްކޮށް، އޭނާގެ އަސްކަރީ ރޭވުންތައް ތަންފީޒުކުރުމަށް ވަގުތު ހޯދުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ނުތަނަވަސްކަން ކުޑަކުރުމަށް ސަރަހައްދީ ގައުމުތަކުގެ ”އިސް ނެގުންތަކެއް“ ހުރި ކަމަށާއި އެ ގައުމުތަކުގެ ކަންބޮޑުވުންތައް ހުށަހަޅަންވީ ”މި ހަނގުރާމަ ފެށި ފަރާތް“ ކަމުގައިވާ އެމެރިކާ އަށް ކަމަށެވެ.



