ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ރިޓަޔަޑް) އަބްދުއްޝަކޫރު އަބްދުﷲ އަވަހާރަވުމާއި ގުޅިގެން، އޭނާގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އަބްދުއްޝަކޫރު ވަނީ ސިފައިންނާއި ފުލުހުން އެއް އިދާރާއެއްގެ ގޮތުގައި މަސައްކަތް ކުރިއިރު ނޮވެންބަރު 3ގެ އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއުކުރެއްވުމަށް ހިތްވަރާއެކު ސިފައިންގެ ލަޝްކަރުގައި މަސައްކަތް ކުރައްވާފަ އެވެ.
އަދި ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި އިންތިޒާމުތައް ރަނގަޅު ކުރެއްވުމާއި، މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރެއްވުމުގެ މަސައްކަތުގައިވެސް ޝަކޫރު ވަނީ އިސް ދައުރެއް އަދާކުރައްވާފަ އެވެ.
އަބްދުއްޝަކޫރު ވަނީ 43 އަހަރަށް ވުރެ ގިނަ ދުވަހު ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރައްވާފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަބްދުއްޝަކޫރުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފަ އެވެ.
”ހިތާމައިގެ މި ވަގުތު، އެ އާއިލާއަށާއި ދިވެހި ސިފައިންނަށާއި ފުލުހުންނަށް ތައުޒިޔާ ދަންނަވަން. އަދި މާތްﷲގެ ތަނަވަސް ރަހްމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްހޫމް އަބްދުއްޝަކޫރު އަބްދުﷲ ލެހެއްޓެވުން އެދި ހެޔޮ ދުއާކުރަން.“ ރައީސް ވިދާޅުވި އެވެ.
އުމުރުން 75 އަހަރުގައި ޝަކޫރު އަވަހާރަވީ، ކެންސަރު ބައްޔަށް އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު 10:15 ގަ އެވެ.
އާއިލާއިން އަންނަނީ އޭނާގެ ހަށިގަނޑު ރާއްޖެ ގެނައުމަށް މަސައްކަތްކުރަމުންނެވެ.



