އިސްރާއީލާއި ގަލްފްގެ ގައުމުތަކުގެ ހުރިހާ އިންޖީނުގެތަކަށް ހަމަލާދޭން އީރާނުގެ އިންގިލާބީ ލަޝްކަރު – އައިއާރްޖީސީން ނިންމައިފިއެވެ.
އައިއާރްޖީސީން މިގޮތަށް އެކަން ކުރަން ނިންމީ، އެމެރިކާއާއި އިސްރާއީލު ސިފައިން ގުޅިގެން އީރާނުގެ އިސްފަހާން ސިޓީއާއި، ޚުރަމްޝަހްރްގެ ހަކަތައާ ގުޅުންހުރި ދެތަނަކަށް ހަމަލާދީ ހަލާކުކޮށްލުމާ ގުޅިގެންނެވެ.
އިސްފަހާންއަކީ އީރާނުގެ މެދުތެރޭގައި އޮންނަ ސިޓީއެކެވެ. ޚުރަމްޝަހްރްއަކީ އީރާނުގެ ދެކުނުގެ ސިޓީއެކެވެ.
އައިއާރްޖީސީގެ ބަޔާނުގައި ބުނެފައިވަނީ، ޚުރަމްޝަހްރްގެ އިންޖީނުގެއަށް ތެޔޮ ފޯރުކޮށްދޭ ޕައިޕްލައިނަށް ބޮންއެޅުމުގެ ސަބަބުން މުޅި ސިޓީން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
އީރާނު ސަރުކާރަށް ނިސްބަތްވާ ފާރސް ނޫސް އޭޖެންސީން ކުރިން ބުނެފައިވަނީ، އެމެރިކާއާއި އިސްރާއީލުގެ އުދުވާނީ ސިފައިން ބޮންއެޅުމުގެ ސަބަބުން އިސްފަހާންގެ ގޭސް އޮތޯރިޓީގެ އިމާރާތަކާއި، ގޭސް ރިޑަކްޝަން ސްޓޭޝަނެއް ހަލާކުވެފައިވާ ކަމަށެވެ. ކައިރީގައި ހުރި ބައެއް ގެތަކަށްވެސް ގެއްލުން ލިބުނު ކަމަށް ބުނެފައި ވެއެވެ.
މީގެއިތުރުން، ޚުރަމްޝަހްރްގެ އިންޖީނުގެއަށް ތެޔޮ ފޯރުކޮށްދޭ ޕައިޕްލައިންވެސް ދުޝްމަނުން ހަމަލާދީ ހަލާކު ކޮށްލާފައިވާ ކަމަށް ފާރސްއިން ބުނެފައި ވެއެވެ.
އެމެރިކާއާއި އިސްރާއީލު ސިފައިން އީރާނުގެ ދެ ސިޓީއެއްގެ ހަކަތައިގެ ތަންތަނަށް އަމާޒުކޮށް ހަމަލާ މިދިނީ، އީރާނުގެ ކަރަންޓާ ގުޅުންހުރި ތަންތަނަށް ހަމަލާދޭން ނިންމި ނިންމުން އެމެރިކާގެ ރައީސް އިއްޔެ 5 ދުވަހަށް ފަސްކޮށްފައި ވަނިކޮށެވެ.
ރޭގެ ހަމަލާތަކުގެ ރައްދުގައި އިސްރާއީލާއި އަދި ގަފްލްގެ ގައުމުތަކުގެ ހުރިހާ އިންޖީނުގެތަކަށް ހަމަލާދޭން އީރާނުގެ އައިއާރްޖީސީ މި ނިންމީ، މުޖުރިމު ނަތަންޔާހޫ އެފަދަ ޖަރީމާއެއް ހިންގަފާނެ ކަމަށް ކުރިންވެސް ހީވެފައި ވަނިކޮށެވެ.
ނަތަންޔާހޫ މަސައްކަތް ކުރަމުންދާ އެއްގޮތަކީ، ގަލްފްގެ ގައުމުތަކަށް އީރާނު ލައްވައި ހަމަލާތައް ދީގެން، އެ ގައުމުތައް އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ނެރުމަށެވެ. އަނެއްގޮތަކީ، އެކަން ކުރުމަށްޓަކައި ގަލްފްގެ ބައެއް ގައުމުތަކަށް ސީދާ އިސްރާއީލުން ހަމަލާތައް ދިނުމަށްފަހު އީރާނުގެ ބޮލުގައި އެކަން އަޅުވައިގެން ގައުމުތައް ރުޅިއެރުވުމެވެ.
ޑިއެގޯ ގާސިއާއަށް އިސްރާއީލުން މިސައިލްތަކެއް ފޮނުވާލީ، އިނގިރޭސީންނާއި، އަދި ޔޫރަޕްގެ ގައުމުތައް ހަނގުރާމައިގެ ތެރެއަށް ވަންނަން ދެކޮޅު ހަދަމުންދާތީ އީރާނަކީ ޔޫރަޕަށްވެސް އޮތް ބިރެއްކަން ދެއްކުމަށެވެ.
އީރާނުން ގަފްލްގެ ގައުމުތަކުގެ އިންޖީނުގެތަކަށް ހަމަލާދިނުމަކީ ވަރަށް ބޮޑު މައްސަލަތަކެއް ނުކުންނާނެ ކަމެއް ކަމަށާއި، އެކަން ނުކުރާން އެތައް ބަޔަކު އީރާނަށް ގޮވާލަން ފެށުމުން އީރާނުން އިއްޔެރޭ ބުނެފައިވަނީ، އީރާނުން ހަމަލާދޭނީ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ކަރަންޓު ފޯރުކޮށްދޭ އިންޖީނުގެތަކަށް ކަމަށާއި، ގައުމުތަކުގެ އާންމު ރައްޔިތުންނަށް ގެއްލުމެއްދޭން އީރާނުން ނޫޅޭ ކަމަށެވެ. ނަމަވެސް، އިސްރާއީލު އޮންނަނީ ކަނުއަނދިރީގައިކަމަށް ވައުދުވެފައި ވެއެވެ.



