އެންމެ ހޫނުގަދަވާ ގަޑިތަކުގައި އަތްވަށް ނުނިކުތުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ދެންމެ | 25 މާރޗް 2026

މުޅިރާއްޖެއަށް އިހުސާސުކުރެވޭ ހޫނުމިން މަތިވެފައިވާއިރު، އެންމެ ހޫނުގަދަ ވަގުތުތަކުގައި އަތްވަށް ނުނިކުތުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ކޮންމެ އަހަރަކުވެސް އިރުވައި މޫސުމުގައި އާދަޔާ ހިލާފަށް ހޫނު ގަދަވާއިރު މިހާރު ގުނަމުންދާ ފަސްބަދުރުވަ ނަކަތަކީވެސް އާންމުކޮށް ހޫނުގަދަވެ އުޑުމަތި ސާފު މަހެއްގޮތުގައި ފާހަގަކުރެވެއެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މިއަދު ހެނދުނު 11:00 ގައި އާންމުކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ އެވްރެޖުކޮށް 35.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ. އަދި އާންމު ހޫނުމިން ހުރީ އެވްރެޖުކޮށް 31.2 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ.

އިހުސާސް ކުރެވޭ ހޫނު މިން އެންމެ މައްޗަށް ދިޔައީ، މާލެ ސަރަހައްދުގައެވެ. މާލެ ސަރަހައްދުގައި ހޫނުމިން ހުރީ، 36.8 ޑިގްރީ ސެލްސިއަސްގައެވެ. އެހެނިހެން ސަރަހައްދުތަކަށް ބަލާއިރު، ކައްދޫގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 36.5 ސެލްސިއަސްގައެވެ.

އިރުވައިގެ ގަދަ ހޫނާއިއެކު އިހްސާސްކުރެވޭ ހޫނުމިން ކުރިއަށް އޮތް ދުވަސްތަކަށްވެސް ދިގުދެމިގެންދާނެތީ އެޗްޕީއޭއިން ވަނީ އެންމެ ހޫނުގަދަވަގުތުތަކުގައި ބޭރަށް ނުކުމެ ނޫޅުމަށާއި ހާއްސަކޮށް ހޫނުގެ ސަބަބުން ރައްކާތެރިވުން ގިނައިން ފެނާއި ދިޔާތަކެތި ބުއިމަށް ނަސޭހަތްތެރިވެފައެވެ.

ހޫނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ފަރާތްތައް ކަމަށްވާ ކުޑަކުދިންނާއި އުމުރުން ދުވަސްވީ ފަރާތްތަކާއި މާބަނޑު އަންހެނުންވެސް ހޫނުން ރައްކާތެރިވުމަށް ގަޔަށް ފަސޭހަ ހޫނު ގަދަ ނުވާނެ ހެދުމެއް ބެނުންކުރުމާއި ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށް އެޗްޕީއޭގެ އިލްތިމާސްގައި ހަނދާންކޮށްދީފައިވެއެވެ. އެނބުރުން އަރައި، މާ ގަދައަށް ބޮލުގައި ރިއްސައި، ހަށިގަނޑު ވަރުދެރަވާ ނަމަ، ސިއްހީ މާހިރެއްގެ ލަފާ ހޯދުމަށް ވެސް ވަނީ އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!