ސަރުކާރުން ކުންފުނިތަކަށް ދައްކަން ހުރި ބިލުތަކުގެ ބޮޑު ބައި ދައްކައި ނިންމައިފި
ދެންމެ | 25 މާރޗް 2026

ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ވިޔަފާރިތަކަށް ދައްކަން ޖެހި ނުދައްކައި ހުރި ފައިސާގެ ބޮޑު ބައެއް ދައްކައި ހަލާސްކޮށްފައިވާކަމަށް މާލީ އަދި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޒަމީރު ވިދާޅުވީ، އެއިން ބައެއް ފައިސާއަކީ ހަވާލުކުރަންނުޖެހޭ ފައިސާ ކަމުގައި އޮޑިޓާ ޖެނެރަލްގެ ކިބައިން ލަފާ ސަރުކާރަށް ލިބިފައިވާ ކަމަށެވެ.

”އަޅުގަނޑުމެން ބައެއް ކުންފުނިތަކަށް ފައިސާ ހަވާލުކޮށްގެން ދޫކުރިން، ދޫކޮށްފައި އެކަަމަކު އޮޑިޓާ ޖެނެރަލްގެ ލަފައާއި، އިންޓާނަލްް އޮޑިޓުން ފާހަގަކުރެވިފައި ހުރި މައްސަލަތައް ހައްލުކޮށް އަލުން ޕްރެޒެންޓުކުރަންވެސް މިހާރު ހުންނާނީ ކުންފުނިތަކަށް އަންގާފައި،“ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައީސް ވިދާޅުވި ގޮތަށް ދައުލަތުން އަމިއްލަ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް ދައްކައި މިހާރު ހަލާސްކުރެވިއްޖެއެވެ. އަދި މައްސަލަތައް ހުރި ބިލުތަކުގައި ހުރި މައްސަލަތައް ހައްލުކޮށް، އެ ބިލުތަކަށް ފައިސާ ދެއްކުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަނގުރާމައިގެ ސަބަބުން ދައުލަތުގެ ކޭޝް ފްލޯއަށް ބަދަލުތަކެއް އަންނަކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އިއުލާނު ނުކުރި ނަމަވެސް ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މިހާރު މެދުކަނޑާލާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ކުރަންޖެހޭ ދަތުރުތައް ކުރިއަށްގެންދިޔަ ނަމަވެސް، އެހެނިހެން ދަތުރުތައް މަޑުޖައްސާލާފައިވާ ކަމަށާއި، އެގޮތުން އޭޑީއެފްޑީން ނަގާފައިވާ 100 މިލިއަން ޑޮލަރު ފަސްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ޔޫއޭއީއަށް ވަޑައިގަތުމަށް ހަމަޖެހިފައި ކުރިން އޮތް ނަމަވެސް އެ ދަތުރުވެސް މިހާރު ފަސްކުރައްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!