މަޒުހަބީ ތަޢައްޞުބްގެ ތެރެއަށް ރާއްޖޭގެ މުޖުތަމަޢު ވެއްޓިގެން ދިޔުމުގެ ފުރުޞަތު ނުދީ: ޑރ. ޝަހީމް
ދެންމެ | 26 މާރޗް 2026

ސުންނީ، ޝީޢީ މަޒުހަބީ ތަޢައްޞުބްގެ ތެރެއަށް ރާއްޖޭގެ މުޖުތަމަޢު ވެއްޓިގެން ދިޔުމުގެ ފުރުޞަތު ދެވިގެން ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ ސުންނަތްޖަމާޢަތުގެ ޞައްޙަ މަތިވެރި ޢަޤީދާގެ މަތީގައި، ޤުރުއާނާއި ސުންނަތާއި ސަލަފުއްޞާލިޙުންގެ މަންހަޖުގައި އެތައް ޤަރުނެއް ވަންދެން ސާބިތުކަމާއެކު ދެމިތިބިބި ބައެއް ކަމަށެވެ. އަދި އިސްލާމްދީނުގެ ވަސަޠީ އުޞޫލުތަކުގައި ހިފަހައްޓައިގެން ތިބިބައެއް ކަމަށެވެ.

މީގެއިތުރުން ސުންނަތް ޖަމާޢަތުގެ މަތިވެރި ޢަޤީދާގައި ރާއްޖެ ދެމިއޮންނާނެ ކަަމަށާއި މި އަސާސް ދެމެހެއްޓުމަށް ރައްޔިތުންނާއި ޢިލްމުވެރިންގެ އަރިހުން ވަނީ އެދިވަޑައިގެންފަައެވެ. އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް އެއްވެސް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދެއްވުމަށް ވެސް އިލްތިމާސްކުރެއްވިއެވެ.

މިނިސްޓަރގެ މެސެޖުގައި ފިރުޤާތަކުގެ ޢަޤީދާތައް އޭގެ ޢިލްމީ ޙަޤީޤަތްތަކާ ޚިލާފަށް ރައްޔިތުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފެތުރަށް ވެސް އިލްތިމާސްކުރެއްވިއެވެ. އަދި ވަނީ ދީނީ ފިކުރީ ގޮތުން އިސްލާމީ މުޖުތަމަޢު ބައިބައިކޮށްލައި ދުޝްމަނުން ކުރަމުންދާ މަސައްކަތްތަކާ މެދު ސަމާލުވެ ތިބެންޖެހޭނެ ކަމަށާއި ފިރުޤާތަކުގެ ޢަޤީދާތަކާ ގުޅޭ ކަންކަމުގައި، އެކަމުގެ އިލްމު ލިބިގެންވާ ޢިލްމުވެރިން ނޫނީ ވާހަކަ ނުކެއްކުމަށް ވެސް ނަސޭޙަތްތެރިވެލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!