ގާސިމް މޫސާ ޖަލީލަށް ތާއީދު ކޮށްފި
ދެންމެ | 26 މާރޗް 2026

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ތާއިދު ކުރައްވާކަން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހާމަކުރައްވައިފިއެވެ.

ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ‏މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޖަލީލު އެންޑޯޒްކޮށް، ތާއީދުކޮށްފައިވާ ކަަމަށެވެ.

ގާސިމް ވިދާޅުވީ، މޫސާ ޖަލީލަކީ، ގައުމީ ހިދުމަތުގެ ފަހުރުވެރި ރެކޯޑްތަކެއް އޮތް، މި ގައުމުގެ ދިފާއުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބަތަލެއް ކަމަށެވެ.

”މި ގައުމުން އެމަނިކުފާނުގެ އަގު ވަޒަންކުރައްވާ، ގައުމީ ޝަރަފް އަރުވާފައިވާ، ނިޝާން އަސްކަރީގެ އިއްޒަތުގެ ވެރިއެއް،“. ގާސިމް ވިދާޅުވިއެވެ.

އަދި ‏ހަމައެކަނި 1988 ވަނަ އަހަރު ނޮވެންބަރު މަހު ތިން ވަނަ ދުވަހު ދިވެހި ގައުމަށް ކުރިމަތިވި އުދުވާނީ ހަމަލައިން ގައުމު ސަލާމަތްކުރެއްވުމަށް، މޭ އައްޑަނައެއްގެ ގޮތުގައި ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާއެކު ނުކުންނެވުމުންވެސް އެމަނިކުފާނުގެ ގަދަފަދަ ގައުމީ އަޒުމު ސާބިތުކޮށްދޭ ކަމަށްވެސް ވިދާޅުވިއެވެ.

‏“އެއިރުއްސުރެ މިއަދާ ހަމަޔަށްވެސް އެމަނިކުފާނު ހުންނެވީ އަބަދުވެސް ގައުމަށްޓަކައި ތައްޔާރަށް. ކޮންމެ ސަރުކާރަކުން މަތިކުރެއްވި ކޮންމެ ވަޒީފާއެއްގެ ވާޖިބުވެސް އަދާކުރެއްވީ ތެދުވެރިކަމާއެކު. ފަސްބައިގާ ކިލަނބުކަމެއް ނެތް. އެއްވެސް މީހަކާމެދު ކުޑައިމީސްކޮށް ކުރެއްވި ކަމެއް ނެތް. ނުހަނު ހުލްގު ހެޔޮ، އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖްރިބާކާރު ޝަހްސިއްޔަތެއް،“. ގާސިމް ވިދާޅުވެފައި ވެއެވެ.

ގާސިމް ވިދާޅުވީ ‏މިހުރިހާ ހަގީގަތްތަކެއް މިހެން ހުރީތީވެ، ރާއްޖޭގެ ވެރިކަންކުރާ ސަހަރު ހިންގެވުމުގެ އެންމެ އިސް މަގާމަށް މޫސާ ޖަލީލަށްވުރެ ތަޖްރިބާކާރު، އަމާނާތްތެެރި، ހިދުމަތްތެރި، ގާބިލް، ކުފޫހަމަވާ އެހެން ކެންޑިޑޭޓަކު ނެތްކަން ޔަގީން ކަމަށެވެ.

‏“އަޅުގަނޑު އެދެނީ، މާލެ ސިޓީ ހިންގަވަން، މުރާލި ދުރުވިސްނޭ މާލިމީއަކަށް އުންމީދު ކުރައްވައިގެން ތިޔަ ތިއްބެވި ލޮބުވެތި ރައްޔިތުން، އަދި އަޅުގަނޑުގެ އަޑުއައްސަވާ ބަސް ގަބޫލުކުރައްވާ އެންމެހާ އަހުންނާއި އުޚްތުން، މިފަހަރުގެ އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޖަލީލަށް ( ކެނޑިޑޭޓް ނަންބަރު 4 އަކަށް ) ތާއީދުކުރައްވާ ވޯޓުދެއްވުން،“. ގާސިމް ވިދާޅުވެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!