ބަންގްލަދޭޝާއި ދިވެހިރާއްޖޭގެ ގުޅުން ހަރުދަނާވުމުގައި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން މުހިންމު ދައުރެއް އަދާކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބަންގްލަދޭޝްގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީނަށާއި، ބޮޑުވަޒީރު ޠާރިޤް ރަޙްމާނަށް ފޮނުއްވެވި ސިޓީފުޅުގައެވެ.
ބަންގްލަދޭޝްގެ ރައީސާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މި ސިޓީފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިވަންދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ފޮނުއްވާފައެވެ. ރައީސްގެ ސިޓީފުޅުގައި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތްގުޅުން ބިނާވެގެންވަނީ، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިތުބާރާ، އިޙްތިރާމުގެ މައްޗަށް ކަމަށް ފާހަގަކުރައްވާފައިވެއެވެ.
ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން، ކުރިޔަށް އޮތްތާގައި އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ، މި ގުޅުން ހަރުދަނާވުމުގައި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމާއި އެއްގޮތް ސަޤާފަތް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި މި ގުޅުން ބިނާވެފައިވަނީ ދެޤައުމުން އަހައްމިއްޔަތުކަންދޭ ކަންކަމާއި، މިސަރަޙައްދުގެ ސުލްޙަ މަސަލަސްކަމުގެ މައްޗަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްޤީއަށްޓަކައި ވިޔަފާރިއާއި، ޞިއްޙަތާއި، މީހުން ބިނާކުރުމާއި، ތަޢުލީމާއި، ޓެކްނޮލޮޖީގެ ދާއިރާއިން ބަންގްލަދޭޝްއިން ދެއްވަމުން ގެންދަވާ އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. ސިޓީފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ބަންގްލަދޭޝްގެ ވެރިންނަށް ދުޅަހެޔޮ ސިއްޙަތަކަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް އިތުރު ކުރިއެރުމަށް އެދިވަޑައިގަންނަވާފައެވެ.
ބަންގްލަދޭޝްގެ މިނިވަން ދުވަސް ފާހަގަކުރަނީ 1971 ވަނަ އަހަރު މާރިޗު މަހު 26 ވަނަ ދުވަހު ޕާކިސްތާނުގެ ކިބައިން މިނިވަންވުމާ ގުޅިގެންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި އަހަރަކީ ބަންގްލަދޭޝްއާއި ދިވެހިރާއްޖެއާ ދެމެދުގައި ސިޔާސީގުޅުން ގާއިމު ކުރެވުނުތާ 48 އަހަރު ފުރޭ އަހަރެވެ.



