އޭއައި އުފެއްދުންތަކުން މީހުން ބްލެކް މެއިލްކޮށް އަބުރު ނަނގާލާ މައްސަލަތައް އިތުރުވެއްޖެ: ފުލުހުން
ދެންމެ | 27 މާރޗް 2026

ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި އޭއައި ބޭނުންކޮށްގެން މީހުންގެ އަބުރު ކަތިލާ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

 

ފުލުހުން ބުނީ މީސްމީޑިއާގެ އެކި މަންސަތަކުގައި މީހުންގެ އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަތައް އިތުރުވަމުންދާއިރު، މިފަދަ މައްސަލަތަކުގެ ތެރޭގައި، މީހުންގެ ޒާތީ މައުލޫމާތު އާންމުކުރާނެ ކަމަށް ބުނެ ބިރުދައްކައިގެން ފައިސާ ހޯދުމާއި، ރުހުމަކާ ނުލައި އެފަދަ ތަކެތި ފެތުރުމާއި ވިއްކުން ހިމެނޭ ކަމަށެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ، އަސްލެއް ނެތް ތަސްވީރުތަކާއި ވީޑިއޯތައް ބޭނުންކޮށްގެން މީހުންގެ އަބުރަށް ހުތުރުފަދަ ތަކެތި އުފެއްދުމުގެ މައްސަލަތައް ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

 

ފުލުހުން ބުނީ މިފަދަ ގިނަ މައްސަލަތަކަކީ ދެމީހެއްގެ ދެމެދުގައި އޮންނަ ގާތް ގުޅުމެއްގެ ތެރެއިން އިތުބާރާއެކު ހިއްސާކޮށްފައިވާ މައުލޫމާތުތަކެއް، އެ ގުޅުން ކެނޑުމުން ބޭނުންކޮށްގެން ހިންގާ އަމަލުތަކެއްކަން ތަހުގީގުތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، އަނެކާގެ އަބުރު ނަގާލުމަށާއި، ބިރުދެއްކުމަށާއި، ނުވަތަ މާލީ އަދި ޒާތީ މަންފާއެއް ހޯދުމަށް މިފަދަ ތަކެތި ބޭނުންކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

 

ފުލުހުން ބުނީ މިއީ ބޮޑެތި ކުށްތަކެއްގެ ގޮތުގައި ބެލެވޭ އަމަލުތަކެއް ކަމަށާއި، މިފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި، އަބުރަށް އުނިކަން އަންނަ ކަމަށެވެ. ވަކިން ހާއްސަކޮށް، އާއިލީ ގުޅުންތަކާއި އަމިއްލަ އަބުރުވެރިކަމަށް ބޮޑު އިސްކަމެއްދޭ ދިވެހި މުޖުތަމައެއްގައި މިފަދަ ކަންކަމުގެ ނުރައްކާ މާ ބޮޑު ކަމަށްވެސް ފުލުހުން ބުންޏެވެ.

 

ފުލުހުން ބުނީ މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަތައް އެ އިދާރާއިން ތަހުގީގު ކުރަމުންދާއިރު، މިފަދަ ކުށްތަކުގެ ޝިކާރައަކަށް ވުމުން ރައްކާތެރިވުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ އުފެއްދުމާއި، ރައްކާކުރުމާއި، އަދި އެހެން މީހުންނާ ހިއްސާކުރުމުން ދުރުހެލިވުމާއި މައުލޫމާތެއް ނުވަތަ މަންޒަރެއް ހިއްސާކުރެވޭ ހިސާބުން، ތިމާގެ ބާރުގެ ދަށުން ނެއްޓި، ކޮޕީކޮށް، ރައްކާކޮށް ނުވަތަ އެހެން ފަރާތްތަކަށް ފެތުރިދާނެ އެއްޗެއްކަން ހަނދާނުގައި ބެހެއްޓުމާއި މިފަދަ ތަކެތި ފެތުރުމުގައި ބައިވެރިނުވުމާއި، އެފަދަ އަމަލުތަކަށް ހިތްވަރު ނުދިނުމާއި މިއީ ވެސް ކުށަކަށް ވެދާނެ ކަމެއްކަން ދަނެގަތުމުގެ އިތުރުން ޒާތީ މައުލޫމާތު ނުވަތަ މަންޒަރު ބޭނުންކޮށްގެން ބިރުދެއްކުން ފަދަ ކަމެއް ތިމާއަށް ދިމާވެއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުން އެއީ ކުރެވިދާނެ ބައެއް ކަންކަން ކަމަށެވެ.

 

ޒާތީ މައުލޫމާތާއި މަންޒަރުތައް ބޭނުންކޮށްގެން ގާނޫނާ ހިލާފު ނާޖާއިޒު މަންފާ ހޯދާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް، އެފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާނެ ކަމަށްވެސް ބުންޏެވެ.

 

މީގެ އިތުރުން، އިޖުތިމާއީ މިންގަނޑުތަކާއި އަހުލާގު ނަގަހައްޓައި، އަނިޔާ ލިބޭ ފަރާތްތަކުގެ ކަރާމާތަށް އުނިކަންލިބި، އިތުރަށް ނިކަމެތިވާނެ ފަދަ އެންމެހައި އަމަލުތަކުން ދުރުހެލިވުމަށް އެންމެހައި ރައްޔިތުންނަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!