އެމްޑީޕީން ވަނީ އެމްޓީސީސީ 954 މިލިޔަނުން ދަރުވާލާފަ: އެމްޓީސީސީ
ދެންމެ | 13 އޭޕްރިލް 2024

ސަރުކާރު ކުންފުނި އެމްޓީސީސީއަކީ ވަރަށް ރަނގަޅަށް ހިންގަމުން އައި ކުންފުންޏެއް ކަމަށް ދައްކަން މިދިޔަ ސަރުކާރުން ހަދަމުން އައީ ދޮގުކަމަށާއި މި ސަރުކާރުން އެކުންފުންޏާ ހަވާލުވިއިރު ކުންފުނީގެ ހާލަތުވަރަށް ދަށްކަމަށް އެމްޓީސީސީގެ އިސްވެރިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވީ މިދިޔަ ސަރުކާރުން އެމްޓީސީސީއަކީ ވަރަށް ރަނގަޅަށް ހިންގަމުން އައި ކުންފުންޏެއް ކަމަށް މީޑިއާތަކަށް ތިލަކޮށްދީފައި އޮތް ނަމަވެސް، ކުންފުނި އޮތީ ވަރަށް ބޮޑަށް ދަރާކަމަށެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ ހިންގުމުގެ ހަރަދު ވަރަށް ބޮޑުކަމަށާއި ހަރުމުދާ ބެލެހެއްޓުމުގައި ވެސް އިހުމާލުތަކެއް ވެފައިވާކަމަށެވެ. އަދި ހާއްސަކޮށް މަހާޖައްރާފު އޮތް ހާލަތާ މެދު ރައްޔިތުން ކަންބޮޑުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ ކުރީގެ މެނޭޖްމެންޓްގެ ބައެއް އަމަލުތައް ހުރި ގޮތުން ބައެއް މަޝްރޫއުތައް މަޑުޖެހިފައިވާކަމަށާއި އެ މައްސަލަތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަށް މިހާރު ފިޔަވަޅުތައް އަޅަން ފަށައިފައިވާ ކަމަށެވެ.

އަދި ކުންފުންޏަށް ގެއްލުންވާ ގޮތައް ހުރި ކަންކަމާ ގުޅޭ ގޮތުން އޮޑިޓުތައް ހަދަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ އެމްޓީސީސީއާ ހަވާލުވި އިރު ކުންފުނީގެ 85 އިންސައްތަ އާމްދަނީ އަކީ ސަރުކާރުން ހިންގާ މަޝްރޫއުތައް ކަމަށާއި އެކަން ބަދަލު ކުރުމަށްޓަކާއި މުހިއްމު މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ.

 

އޭނާ ވިދާޅުވިގޮތުގައި އެކަން ކުރާނީ ޕްރައިވެޓް ސެކްޓަރުގެ ޕްރޮޖެކްޓްތައް ހިންގުމާއި ޓްރޭޑިން އާއި އާ ވިޔަފާރިތަކަށް ވަދެގެންނެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ޗީފް ފައިނޭންޝަލް އޮފިސާ (ސީއެފްއޯ) ހުސެއިން މުހައްމަދު މަނިކު ވިދާޅުވީ އެ ކުންފުންޏަށް ލިބެން ޖެހުނު ނަމަވެސް ނުލިބިވާ 1.7 ބިލިއަން ރުފިޔާ އެބަ އޮތް ކަމަށާއި އޭގެ ތެރެއިން ގާތްގަނޑަކަށް 800 މިލިއަން ރުފިޔާއަކީ ސަރުކާރުން ލިބެން ޖެހޭ އަދަދު ކަމަށެވެ.

މީގެއިތުރުން އެކުންފުނީގެ އެހެން ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނީގެ ގޮތުގައި 954 މިލިއަން ރުފިޔާ އެބަ އޮތް ކަމަށާއި އޭގެ ތެރޭގައި 50 އިންސައްތަ ދައްކަން ޖެހެނީ ބޭރުގެ ކުންފުނިތަކަށް ކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.

އެކަން ފާހަގަކުރައްވާ ހުސެއިން ވިދާޅުވީ އެ ކުންފުނިން ދައްކަން ޖެހޭ ދަރަނި ދެއްކުމަށް ޑޮލަރުން އާމްދަނީ ލިބޭ ޕްރޮޖެކްޓްތަކަށް ދިއުމުން ފަސޭހަވާނެ ކަމަށާއި އެ ކުންފުނިން މިދިޔަ ޖެނުއަރީ މަހު 19 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ފަށައި 1.1 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއްގެ ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ޑޮލަރުން އާމްދަނީ ހޯދުމުން ކުންފުންޏަށް ބޭނުންވާ ބޭރު ފައިސާ ހޯދަން ހައްލުތަކެއް ލިބި ދަރަނި އަދާކުރުމަށް ފަސޭހަވާނެއެވެ.

ހުސެއިން ވިދާޅުވީ އެމްޓީސީސީގެ މިހާރުގެ އަމާޒަކީ ޓްރޭޑިން ދާއިރާގެ ވިޔަފާރީގެ އާމްދަނީ 500 މިލިއަނަށް އިތުރު ކުރުންކަމަށާއި އެކަން ހާސިލު ކުރަން ގޮންޖެހުންތައް ހުރި ނަމަވެސް، އާ ދާއިރާތަކުން މަޝްރޫއުތައް ހިންގައިގެން އެކަން ކުރެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!